އޭޝިއަން ކަޕަށް ކޮލިފައިވުމަށް ޤައުމީ ކޯޗް ޕީޓަރ ސެގަރޓަށް މިހާރު އެއްވެސް ބަހަނާއެއް ނުދެއްކޭނެކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ ހެޑް އިހުސާން ޢަބްދުލް ޣަނީ (ސާންތި) ވިދާޅުވެއްޖެއެވެ.
މިވަގުތު އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ފޯވަޑް އަލީ އަޝްފާޤް (ދަގަނޑޭ) ޓީމަށް ނުނެގުމާއި ގުޅިގެންނެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓް ހެޑް ސާންތި ވިދާޅުވީ ޤައުމީ ފުޓްބޯޅަ ޓީމް ނެގުމުގައި އެއްވެސް ނުފޫޒެއް އެއްވެސް އިރެއްގައި ޤައުމީ ކޯޗަށް ނޯންނާނެކަމަށާއި އެފްއޭއެމުން ބޭނުންވަނީ ވަރަށް މިނިވަންކަމާއެކު ކޯޗް މަސައްކަތް ކުރަންކަމަށެވެ.
އެންމެ ފަހުގެ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖެ ޓީމް ހޯދާފައިވާއިރު، އެ މުބާރާތަށްވެސް ދަގަނޑޭ ނުނަގައިގެން ގިނަ ބައެއްގެ ފާޑު ކިޔުންވަނީ އަމާޒުވެފައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައިވާ ދަނގަޑޭއަށް ޓީމުން ޖާގަ ގެއްލުނީ އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ބޫޓާންއާއި ވާދަކުރަން އޮތް މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވި ހިސާބުންނެވެ.
ސާންތި ވިދާޅުވީ އެފްއޭއެމުން އަބަދުވެސް ކޯޗުގެ ނިންމުމަށް އިޙްތިރާމް ކުރާނެކަމަށާއި ވަކިމީހަކު ނަގަން، ވަކިމީހަކު ނުނަގަން އެފްއޭއެމުން ކޯޗަށް ބާރު އަޅާފައިނުވާނެކަމަށެވެ. އެފްއޭއެމުން ކޯޗަށް ޙަވާލުކޮށްފައިވާ އަމާޒަކީ އޭޝިއަން ކަޕަށް ދިވެހިރާއްޖެ ކޮލިފައިކޮށްދިނުމެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި ކޯޗު ބޭނުންވާ ކަންތައްތައް އެފްއޭއެމުން އަންނަނީ ކޮށްދެމުންކަމަށާއި ކޯޗަށް އެއްވެސް ބަހާނާއެއް ދެއްކުމުގެ ފުރުޞަތެއްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހު އެފްއޭއެމުން ބޭނުންވީ ޤައުމީ ކޯޗް ބޭނުންވާ ވަރަށް ދުވަސްދޭން. މިފަދަ ވަރުގަދަ ޓީމްތަކާއި ދެކޮޅަށް ކުޅޭއިރު ކޯޗް ބޭނުންވާ ވަރަށް ފަރިތަކުރުންތަށް ކުރިއަށް ގެންގޮސް، ޓީމް ފިޓްކުރުން. ކޯޗު ބޭނުންވީ އެސިސްޓަންޓް ކޯޗާއި ޓްރެއިނަރުވެސް މިހާރު އެހެރީ ގެނެސްފަ. ކޯޗުގެ ޒިންމާއެއް މިހާރު އެއީ ޓީމް މެޗްތަކަށް ފިޓް ކުރުން. ޓީމް ފިޓް ކުރުމަށް މިހާރު އެފްއޭއެމުން އެއޮތީ ކޯޗު ބޭނުންވާ މިންވަރަށް ކޯޗަށް ވަގުތު ދީފަ. ކޯޗުގެ ޒިންމާއެއް އެއީ އޭޝިއަން ކަޕްއަށް ޓީމް ކޮލިފައިކޮށްދިނުމަކީ. މިހާރުވެސް ދުރާލާ ކޯޗު ބޭނުންވާ ކަންތައްތައް މިދަނީ ކުރަމުން. އެއީ ގުއާމްގައި ހުންނަންޖެހޭ ހޮޓަލަށް ވިއަސް އަދި އެޤައުމުގެ ދަތުރުފަތުރުގެ ކަންތައްތައްވެސް ވަރަށް ކައިރިން ބަލަމުން މިދަނީ،" ސާންތި ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ވަލްޑް ކަޕާއި 2023ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެއިން އެންމެ ފުރަތަމަ ވާދަކުރަންޖެހެނީ ގުއާމްއާއި ދެކޮޅަށެވެ. މިއަންނަ މަހުގެ 5ވަނަ ދުވަހު ގުއާމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށްފަހު، މާލޭގައި އަންނަ މަހުގެ 10ވަނަ ދުވަހު ރާއްޖޭގެ ޓީމް ނުކުންނާނީ ޗައިނާއާއި ދެކޮޅަށެވެ.