މުޖުތަމަޢުތަކުގައިހުރި ނުރަނގަޅުކަންކަން ބަދަލުކުރުމުގެ އެންމެވަރުގަދަ ހަތިޔާރަކީ ޒުވާނުންކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގްލޯބަލް ޔޫތް ޕީސް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ރީޖަނަލް އެލައިންސް ފޯރ ފޯސްޓަރިން ޔޫތްއިން ބާއްވާ ބައިނަލްއަޤުވާމީ ޔޫތް ޕީސް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވީ ޒުވާނުންގެ ސަބަބުން ކަންކަން ބަދަލުވާކަމުގެ އެންމެ ބޮޑު މިސާލެއް ދެއްކެންއޮތީ ރާއްޖޭގައިކަމަށެވެ. އެގޮތުން ޒުވާނުންގެ ސަބަބުން ސިޔާސީ ބޮޑެތި އިންޤިލާބު ރާއްޖެއަށް ގެނެސްފައިވާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި މިއިން އެނގިގެންދަނީ މުޖުތަމަޢުތަކުގައިހުރި ނުރަނގަޅު ކަންކަން ބަދަލުކުރުމުގެ އެންމެ ވަރުގަދަ ހަތިޔާރަކީ ޒުވާނުން ބާރުވެރިކުރުވުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވައި ޤައުމުގެ ތަރައްޤީގެ ކުރިއަށް ޒުވާނުން ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ބޭރުގެ ބައެއް ފަރާތްތަކުންވަނީ އެބޭފުޅުން މިޕްރޮގްރާމާމެދު ކުރާ އުއްމީދުތައް ޕީއެސްއެމްނިއުސްއާ ޙިއްސާކޮށްފައެވެ.
ގްލޯބަލް ޔޫތް ޕީސް ޕްރޮގްރާމަކީ ރަފީ ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. 3 ދުވަހަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި 29 ޤައުމަކުން 100 އަށްވުރެ ގިނަ ބައިވެރިވެއެވެ. ރާއްޖޭގެ 90 އަށްވުރެ ގިނަ ޒުވާނުންނާއެކު 200 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދާ މިޕްރޮގްރާމްގެ އަމާޒަކީ ސުލްޙަޔަށް މަސައްކަތްކުރާ ޒުވާނުންތަކެއް ބިނާކުރުމެވެ.
މިޕްރޮގްރާމްގައި ބޭރުގެ 6 ލެކްޗަރާއިން އެކި މައުޟޫތަކަށް ސެޝަންތައް ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި ސްނޯކްލިންގ ފޯރ ޕީސްގެ ނަމުގައި މޫދުކުޅިވަރުތަކެއް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ޕީސް ވޯކްގެ ނަމުގައި ހިނގާލުމެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.