ޚަބަރު

ތަޖުރިބާކާރު ކުޅުންތެރިން ހުއްޓާލަންވާއިރަށް އެތަން ފޫބައްދަންޖެހޭ: އެލެކްސް


ތަޖުރިބާކާރު ކުޅުންތެރިން ކުޅުން ހުއްޓާލަންވާއިރަށް ފެންވަރު ރަނގަޅު ކުޅުންތެރިން އުފައްދަންޖެހޭކަމަށް ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗް ކޯރޭ އެލެކްސް ޒެންޓްރަ ބެލްސެރް ބުނެފިއެވެ.

ރާއްޖޭގައި ހިންގާ ވައިޑީޕީ ޕްރޮގްރާމްގެތެރެއިން ބާސްކެޓަކީ ހުއްޓުމެއްނެތި ގިނަ ދުވަސްތަކެއް ވަންދެން ހިންގާ އެއް ކުޅިވަރުއެވެ. އެކެޑަމީތަށް ހަދައިގެން، މި އެކެޑަމީތަކުން އާމްދަނީ ހޯދާ ކޯޗުން މިހާރު ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ.

ޤައުމީ ފިރިހެން ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ގިނަނަމަވެސް ގިނަ ކުޅުންތެރިންނަކީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުޅުން ހުއްޓާލަން ނިންމާފައިވާ ކުޅުންތެރިންނެވެ. އޭގެ ތެރެއިން މުހައްމަދު ޒިލާލްވަނީ މި އަހަރަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައެވެ. ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ބުނީ ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއަރަމުން އަންނަނީ ވަރަށް ބާރު މިނެއްގައިކަމަށާއި މިއީ ކުރިއަށް އޮތް މުސްތަޤްބަލަށް ވަރަށް އުފާވެރިކަމެއްކަމަށެވެ.

ދާދިފަހުން ރާއްޖެއައި އެމްބީއޭގެ ތަޖްރިބާކާރު ކޯޗް ފިލް ހޭންޑީވެސްވަނީ ތުއްތުކުދިން ބާސްކެޓްބޯޅައަށް ލޯބިޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދައްކާފައެވެ. މިހާރު ތިބި ތަޖުރިބާކާރު ކުޅުންތެރިން ކުޅުން ހުއްޓާލަންވާއިރަށް ޒުވާން ޖީލެއް ބިނާކުރުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިއީ އެއް ދުވަހުން ނޫނީ ދެ ދުވަހުން ވާނެކަމެއް ނޫންކަމަށްވެސް ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމްގެ ކޯޗް ކޯރޭ އެލެކްސް ޒެންޓްރަ ބެލްސެރް ބުންޏެވެ.

"މިއީ ބާސްކެޓްބޯޅައިގެ މުސްތަޤްބަލަށް ބަލާއިރު އަބަދުވެސް ވަރަށް ބޭނުންތެރިކަމެއް. ކުޅުންތެރިން އައިސްފަ ދާނެ. މިހާރު ރާއްޖޭގެ ޓީމުގައި ތިބީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިން. މި ކުޅުންތެރިން ކުޅުން ހުއްޓާލަންވާއިރަށް ޒުވާން ކުޅުންތެރިން ބޭނުންވާނެ. ޒުވާން ކުޅުންތެރިންނަށް ވީހާވެސް ގިނަ ފުރުޞަތު ދޭން އެބަޖެހޭ. އެސޯސިއޭޝަންގެ ވިސްނުމަކީވެސް މިއީ. މިހާރު އެކުލަވާލާފައިވާ އުމުރުފުރާތަކުގެ ސްކޮޑްތަކުން ހުނަރުވެރި ކުޅުންތެރިން އެބަ އުފެދޭ. މިއީ އެއް ދުވަހުން ވާނެކަމެއް ނޫން، މިއީ ދުރާލާ ރާވައިގެން ކުރަންޖެހޭކަމެއް. އަދި ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިނަށް ވަރަށް ރަނގަޅު ފިލާވަޅެއްވެސް ދަސްވާނެ. އަޅުގަނޑު ޤަބޫލް ކުރަނީ ޒުވާން ޖީލެއް އަބަދުވެސް ސީނިއަރ ސްކޮޑްގެ ފަހަތުގައި ވިއްދާފައި ހުންނަންޖެހޭޖަމަށް،" ޤައުމީ ކޯޗު ބުންޏެވެ.

ޤައުމީ ޓީމަށް ކުޅުންތެރިން ބިނާ ކުރުމަށް އެސޯސިއޭޝަނުން އުމުރުފުރާތަކުގެ ޤައުމީ ޓީމުތައް އެކުލަވާލައި އެ ޓީމުތަކުގެ ފަހަތުގައި ޤައުމީ ޕޫލެއްވެސް އެކުލަވާލާއިވެއެވެ. އަދި އަތޮޅު ތެރޭގައިވެސް ބާސްކެޓްބޯޅައިގެ ގިނަ މުބާރާތްތަކެއް މިހާރު އެސޯސިއޭޝަނުން އިސްނަގައިގެން ހިންގަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.