ޚަބަރު

ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަން ކުރުމާމެދު އާންމުގެ ޚިޔާލު ހޯދަނީ


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަން ކުރެއްވުމާމެދު އާންމުންގެ ޚިޔާލަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައްވައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަން ކުރެއްވުމާމެދު އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލެއްވީ އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމާމެދު ގޮތެއް ނިންމަވާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާއި ގުޅިގެންނެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ޢަލީ ހާޝިމް އެ މަޤާމަށް އައްޔަން ކުރުމާމެދު ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހުގެ 11:00 ގެ ނިޔަލަށް އާންމުންނަށް ހުޅުވާލާފައިވާކަމަށެވެ.

ޢަލީ ޙާޝިމްއަކީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއި ހަމައަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރު މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ. ނަޞީރު އިސްތިއުފާދެއްވާފައި ވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ.