އެހެން އަހަރުތަކަށް ވުރެއް މިއަހަރުގެ ރިސޯޓް ވޮލީ މުބާރާތް ފޯރިގަދަވާނެކަމަށް މުބާރާތުގެ ސްޓިއަރިންގ ކޮމެޓީގެ މެމްބަރ ފަތުޙުﷲ ވަހީދު (ފައްލޯ) ބުނެފިއެވެ.
އާލާ އިންޓަރ ރިސޯޓް ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ 5 މެންބަރުންގެ ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީގެ އެންމެ ބޮޑު ބޭނުމަކީ އިންޓަރ ރިސޯޓް ވޮލީ މުބާރާތް ރާވާ ހިންގާ ކުރިއަށް ގެންދިއުމެވެ. މިމުބާރާތާއި ގުޅޭ ގޮތުން މަޢުލުމާތު ދެމުން ސްޓިއަރިންގ ކޮމެޓީގެ މެމްބަރ ފަތުޙުﷲ ވަހީދު ބުނީ އިންޓަރ ރިސޯޓް ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާމަށާއި ރިސޯޓްތަކާއި ގުޅިގެންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެހެން އަހަރުތަކަށް ވުރެއް މިއަހަރުގެ ރިސޯޓް މުބާރާތް ފޯރިގަދަވާނެކަމަށް ފައްލޯ ބުންޏެވެ. ކޮންމެ ރިސޯޓްއަކަށްވެސް ގައުމީ ޓީމްގެ ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބިފައިވާއިރު، މިއަހަރަކީ ގައުމީ ޓީމްގެ ކުޅުންތެރިންނަށް ވަރަށް ބުރަ އަދި ގިނަ މެޗްތަކެއް ކުޅެފައިވާ އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެހެން އަހަރުތަކަށް ވުރެ މިއަހަރު ގައުމީ ޓީމްގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅުއިރު، ރިސޯޓްތަކުންވެސް މޮޅެތި ކުޅުންތެރިން ކޮންމެ އަހަރަކުވެސް ފެންނަމުންދާކަމަށް ފައްލޯ ފާހަގަކުރިއެވެ.
ރިސޯޓްތަކުން ވޮލީ މުބާރާތަށް ދުރާލާ ތައްޔާރުވާކަންވެސްވަނީ ވަރަށް ބޮޑަށް ފާހަގަވެފައެވެ. ރިސޯޓަކަށް ގައުމީ ޓީމްގެ ދެ ކުޅުންތެރިންނަށް ކުޅެވޭ ގޮތް ހެދުމުންވެސް ރިސޯޓްތަކުގެ މެދުގައި އޮތް ވާދަވެރިކަން އިތުރުވެގެން ގޮސް، ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންނަށް ގިނަ ރިސޯޓްތަކަށްވެސް ކުޅުމުގެ ފުރުސަތު ލިބިފައިވާކަމަށް ފައްލޯ ފާހަގަކުރިއެވެ.
"ރިސޯޓް މުބާރާތްކުގައި ގައުމީ ޓީމްގެ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑު. ގައުމީ ޓީމްގެ ކުޅުންތެރިން ރިސޯޓްތަކަށްގޮސް ރިސޯޓްގެ މުއައްޒަފުންނާއި އެކު މުބާރާތް ކުޅުމުން، މުބާރާތްވެސް ފޯރިގަދަވޭ. އެހެންވީމަ ރިސޯޓްތަކުގެ މުއައްޒަފުންނަށްވެސް މިއީ ގައުމީ ލެވެލްގެ ކުޅުންތެރިނާއެކު ކުޅެލުމަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް. ރިސޯޓްތަކުގެ މައްޒަފުންނަކަށް މާގިނަ ފުރުސަތެއް ނޯވޭ މާލޭގައި މިބައްވާ މުބާރާތްތަށް ކުޅެލުމަކަށް، އެހެންވީމަ މިއީ ރިސޯޓްގެ މުއައްފަޒުންނަވެސް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް. އަދި ރިސޯޓް މުބާރާތުން ގައުމީ ޓީމްއަށްވެސް ކުޅުންތެރިން އައިސްފައިވާކަން ފާހަގަކޮށްލެވޭ." ސްޓިއަރިންގ ކޮމެޓީ މެންބަރު ފަތުހުﷲ ވަހީދު ބުންޏެވެ.
އިންޓަރ ރިސޯޓް ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށް ކުރިން ތާވަލްކޮށްފައިވަނީ މިއަހަރުގެ މާޗް މަހަށެވެ. މުބާރާތް ފަސްކޮށްފައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ޤައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.