ކުޅިވަރު

އަންސޫ ފަޓީގެ މޮޅު ކުޅުމުގެ ގެއްލުން ނޭމާއަށް


އޮސަސޫނާއާ ދެކޮޅަށް ބާސެލޯނާގެ ޒުވާން ފޯވަޑް އަންސޫ ފަޓީ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެކުލަބަށް ބްރެޒިލްގެ މަޝްހޫރު ފޯވަޑް ނޭމާ ސަންޓޯސް ގެނައުމުގެ ބޭނުމެއް ނެތް ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

އޮސަސޫނާ ކޮޅަށް ފަޓީ ގޯލު ޖެހިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 304 ދުވަހެވެ.މިއީ ބާސެލޯނާގެ ފުރަތަމަ ޓީމަށް ކުޅުންތެރިއަކު ކުޅުނު އެންމެ ޒުވާން އުމުރެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ ބޮޔާން ކްރިކް އަތުގަ އެވެ. އޭނާ ފުރަތަމަ ޓީމަށް ކުޅުނީ އުމުރުން 17 އަހަރާއި 53 ދުވަހުންނެވެ. ބޮޔާން ބުނީ ފަޓީ އޭނާގެ ރެކޯޑް މުގުރާލުމުން އުފާކުރާ ކަމަށާއި އެންމެ އުފާވަނީ ލަމާސީއާއިން ތަމްރީނުވާ ކުދިން ރެކޯޑް މުގުރާލާތީ ކަމަށެވެ. އަދި ފަޓީ އަށް ކާމިޔާބު ކެރިއަރަށް އެދޭ ކަމަށެވެ.

ބާސެލޯނާގެ އެކަޑަމީ ލަމާސިއާއިން ތަމްރީނުވި ފަޓީގެ ކުޅުމަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ވަނީ ރޭގެ މެޗަށް ފަހު ތައުރީފްކޮށްފަ އެވެ. ނަމަވެސް މިހާ ޒުވާން ކުއްޖަކު ބާސެލޯނާ ސަލާމަތްކުރަންޖެހޭ ހިސާބަށް އެކުލަބުގެ ހާލަތު ދިއުމަކީ ނުރައްކަލުގެ ރަނގަބީލެއް ކަމަށް ވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ރޭގެ މެޗަށް ފަޓީ ނެރުނީ މުހިންމު ތިން ފޯވަޑުން ކަމަށްވާ ކެޕްޓަން ލަޔޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި އޮސްމާނޭ ޑެމްބެލޭ އަނިޔާގައި ތިބުމުންނެވެ. މެޗު 2-2އިން އެއްވަރުވިއިރު އޮސަސޫނާ އަށް ރެފްރީދިން ޕެނަލްޓީއާމެދު ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޕީކޭ ބުނީ އޭނާގެ އަތުގައި ޖެހުނު ކަމަށް ބަލާފައި ޕެނަލްޓީދިން އިރު އެ ބޯޅަ އޭނާގެ އަތުގައި ނުޖެހުނުނަމަ އޮފް ބެލެންސްގައި ހުއްޓައި ޖެހޭނީ އޭނާގެ މޫނުގައި ކަމަށާއި ޕެނަލްޓީ ދޭންވާނީ ހާލަތަށް ބަލާފައި ކަމަށެވެ. އަދި އެފަދަ ވަގުތެއްގައި އޭނާ އަށް އަތްބުރި ކޮށްނުލެވޭނެ ކަމަށާއި ފުރަތަމަ ކަމަކީ ކުޅުންތެރިޔާގެ ސަލާމަތްކަން ރެފްރީން ދަންނަންޖެހޭ ކަމަށެވެ.