ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެތްގެ ގޮތުގައި ހުށައެޅި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ކުރީގެ ރައީސް ޙަސަން ލުތުފީގެ ހެކިބަސް ނެގިފައިނުވާތީ ތަޙްޤީޤަށް ދެއްވި އިންޓަވިއުގެ ވީޑިއޯ ރެކޯޑިން ބެލުމާމެދު ގޮތެއް ނިންމަން ޝަރީއަތުން ނިންމައިފިއެވެ.
ޔާމިންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މޭލިޝިޔާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ލުޠުފީ އެޤައުމުގައި ހުންނަ ދިވެހިއެމްބަސީއަށް ހާޒިރުކޮށްގެންވެސް ހެކިބަސް ނެގުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށެވެ. އަދި އެހެންމެ ލުތުފީ ފުލުހުންގެ ތަހްގީގަށް ދެއްވާފައިވާ ބަޔާނަކީ މަޖުބޫރުހަލާތުގައި ހުންނަވައިގެން ދެއްވާފައިވާ ބަޔާނެއް ކަމަށް ފަހުން ބުނަމުންދާތީ އޭނާ ފުލުހުންނަށް ބަޔާންދިންއިރު ކޮށްފައިވާ ވީޑިއޯގެ ރެކޯޑިން ޝަރީއަތުގައި ބެއްލެވުމަށް އެދޭ ކަމަށް ދައުލަތުގެ ވަކީލު ހުށައެޅުއްވިއެވެ.
އެ ވީޑިއޯ ބެލުމުން ޔާމިންގެ މައްސަލައިގެ ތަހްގީގަށް ދީފައިވާ ބަޔާނުގައިވާ ކަންކަމާއި އަދި މިހާރު އެ މައްސަލައިގައި މީހުން ދީފައިވާ ހެކިންގެ ހެކިބަހާ އެއް ގޮތް ކަންކަން ހުރިކަން އެނގޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދިއެއާއެކު އޭނާ ފުލުހުންނަށް އިންޓަވިއު ދީފައިވަނީ އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެންކަން ނުވަތަ ނޫންކަން ބޮޑީލެންގްއޭޖުން އެނގިގެން ދާނެ ކަމަށް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ލުޠުފީ ބަޔާން ދެއްވި ވީޑިއޯއަށް ބެއްލެވުމަށްފަހު ޝަރީއަތުގެ މީހަކު ދޭ ހެކިބަހަށް ދޭ ބުރަދަނަށް ވުރެ ދަށް މިނަކުން ބުރަދަނެއް ލުޠުފީގެ ބަޔާނަށް ދެއްވައިގެން އެ މައްސަލައިގައި ގޮތެއް ނިންމަވާދެއްވުމަށް އެދެނުނެވެ.
ނަމަވެސް ރައީސް ޔާމިން ވަނީ ލުތުފީ ފުލުހުންނަށް ބަޔާންދިން ވީޑިއޯގެ ރެކޯޑިން ބެލުމުން އޭނާއަށް ފުލުހުންގެ ފަރާތުން މަޖުބޫރެއް ކޮށްފައި އޮތަސް ބޮޑީލެންގުއޭޖުން ނޭނގޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމިންގެ ވަކީލުންވެސް ވަނީ ލުޠުފީގެ ހެކިބަސް ނުނެގޭ ހާލަތުގައި ވެސް އޭނާ ބަޔާން ދެއްވި ވީޑިއޯ ރެކޯޑިން ބަލައިގެން އެ ހެއްކަށް އެއްވެސް މިންވަރަކަށް ބުރަދަނެއް ދިނުމަށް ދެކޮޅަށް ހައްދަވާފައެވެ. މެލޭޝިޔާގެ އެމްބަސީ މެދުވެރިކޮށް ލުތުފީގެ ހެކިބަސް ނެގުމަށް ދައުލަތުން މަސައްކަތެއް ކުރިނަމަ އެ މަސައްކަތް ކުރިކަން އެނގޭނެ ލިޔުންތައް ވެސް ހުށައަޅަން ޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ލުތުފީ ބަޔާން ދެއްވި ވީޑިއޯ ރެކޯޑިން ޝަރީއަތުން ބެލުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ. ވީޑިއޯ ރެކޯޑިން ބެލުމުން ވެސް ލުތުފީއަށް މަޖުބޫރުކަމެއް އޮތްކަން ނުވަތަ ނޫންކަން އެނގޭނެ ގޮތެއް ނޯންނާނެ ކަމަށް ގާޒީ ވެސް ވިދާޅުވިއެވެ.
މި އަޑުއެހުމުގައިވެސް ދައުލަތުން ހެއްކެތްގެ ގޮތުގައި ހުށައެޅުއްވި ތިން މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި އެ ކުންފުނީގެ ކުރީގެ ބޯޑުގެ މެމްބަރު މުޙައްމަދު ލުވައިޒް އާއި ރައީސް ޔާމިންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އެންސިސް ކުންފުނީގެ މޭނިން ޑިރެކްޓަރ މުހައްމަދު ވަސީމްގެ ހެކި ބަހެވެ. މޫސާ ޒަމީރުގެ ހެކިބަހުގައި ރައީސް ޔާމިންގެ އެދިވަޑައިގަތުމަކަށް 2018 ވަނަ އަހަރު އެއްމިލިއަން ޑޮލަރު އެމަނިކުފާނަށް ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ފައިސާ ހޯދީ އަމިއްލަ މުދަލެއް ވިއްކައިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ. މުހައްމަދު ޝަރީފުގެ ހެކިބަހުގައި އެސްކްރޯއެކައުންޓެއް ބީއެމްއެލްގައި ހުޅުވި ކަމަށް ވަނީ ވިދާޅުވެފައެވެ.
ދެން މި މައްސަލައިގައި އޮންނާނީ ޔާމިން ދައުވާއިން ދިފާއުވުމަށް ހެއްކެތްގެ ގޮތުގައި ހުށައެޅުއްވި އެމްއެމްއޭގެ ކުރީގެ ގަވަރުނަރ އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ. އަދި އޭގެ ފަހުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކެއްވުމަށް ދެ ފަރާތައް ފުރުޞަތު އެރުވުމަށްފަހު އޮންނާނީ ޚުލާސާ ބަޔާނެވެ. އެއަށްފަހު މައްސަލައިގައި ހުކުމް ކުރާނެއެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ކޮންއިރަކު ކަމެއް މި އަޑުއެހުމުގައި އިއުލާން ކުރައްވާފައިނުވެއެވެ.