އައިޖީއެމްއެޗްގެ 25 ބުރީގެ އާ ޢިމާރާތުގެ އަސްލު އަގު ހޯދުމަށް އެސެސްމެންޓްތަކެއް ހަދަން އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ނިންމާފައި ކަމަށް އެ ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުގައި ޚިދުމަތް ދެމުން އަންނަ އައިޖީއެމްއެޗްގެ 25ބުރީގެ އާ ޢިމަރާތަތަކީ ރާއްޖޭގައި ހުރި އެންމެ އުސް އަދި އެންމެ އަގު ބޮޑުކޮށް ސަރުކާރުން ހެދި ޢިމާރާތެވެ. އެތަން އަގުމަގުކުރުމަށް ނިންމީ އެތަނާ ގުޅޭގޮތުން ހުށަހަޅާފައިވާ ކޮރަޕްޝަނުގެ މައްސަލައެއްގެ ތަހްގީގަށްކަމަށް އޭސީސީން ހާމަ ކުރެއްވިއެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ތަހްގީގު ކުރަމުން ގެންދަނީ އެޢިމާރާތް ހަދަން ހޭދަވާނެ އަގަށްވުރެ ބޮޑު އަގެއްގައި ބަޔަކާ އެމަސައްކަތް ޙަވާލުކުރި މައްސަލައެވެ.
މުއައްވިޒް ވިދާޅުވީ ޢިމާރާތުގެ އަސްލު އަގުމަގުކުރުމަށް ޚަރަދުތަކެއްވެސް ހިނގާނެކަމަށާއި ނަމަވެސް އޭސީސީން ކުރުމަށް ނިންމީ ކޮންމެހެން އެކަންކުރަން ޖެހޭކަމަށް ދެކޭތީކަމަށެވެ. އަދި އެއަގުމަގުކޮށް ނިމުމުން އެތަނަށް ކޮށްފައިވާ ޚަރަދާއި އެވަރުގެ ޢިމާރާތަކަށް ދާނެ އަގު އެނގިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޢިމާރާތަށް މެޑިކަލް ސަޕްލައި ކުރުމާއި އިކިއުޕްމެންޓް ގަތުމުގައި ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ ކޮރަޕްޝަނުގެ ސީރިއަސް މައްސަލަތަކެއް އޭސީސީން ބަލަމުން އަންނަކަމަށްވެސް މުއައްވިޒް ވިދާޅުވިއެވެ. އެ ކޮމިޝަނުން ގެންދަނީ އެކަމާގުޅޭ ދެމައްސަލައެއް ތަހްގީގުކުރަމުންނެވެ.
މިއިމާރާތް ކުރީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކުންނެވެ. އެމަސައްކަތް 5 ޖޫން 2016ގައި އެ ކުންފުންޏާ ހަވާލުކުރީ 142 މިލިއަން ޑޮލަރު ނުވަތަ 2.2 ބިލިއަން ރުފިޔާއަށެވެ. އެ ޕްރޮޖެކްޓް ޝެންހުއާ ކުންފުންޏާ ހަވާލުކުރީ ބިޑްކުރުމެއްނެތިއެވެ.
އެފަދަ ޢިމާރާތެއްހަދަން ހަވާލުކުރި އަގާމެދު ގިނަބައެއްގެ ކަންބޮޑުވުންހުރިއިރު އެޢިމާރާތް އެއަށްވުރެ ކުޑައަގެއްގައި ހެދޭނެކަމަށްވެސް ބައެއް މާހިރުން ބުނަމުން ދަނިކޮށެވެ. އެެޢިމާރާތް އެއަގުގައި ދިނުމަށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާކަމަށް މިއަދުގެ ސަރުކާރުގެ އިސްވެރިންވެސް ކުރިންވަނީ ތުހްމަތުތަކެއްވެސް ކުރައްވާފައެވެ.