"އަހަރެން ދެކޮޅު" މިނަމުގައި ދުންފަތާދެކޮޅަށް ކުރިއަށްގެންދާ ކެމްޕެއިންގެތެރެއިން ޢާއްމުތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށް އެކަން ތަންފީޒުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމަށް ހުޅުވާލާއިފިއެވެ. މިޕެޓިޝަނުގައި ސޮއިކުރުމަށް ޢާއްމުކޮށް ހުޅުވާލާފައިވާއިރު މިފުރުސަތު ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނާނެއެވެ.
ޢާއްމުތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާ "އަހަރެން ދެކޮޅު" މިނަމުގައި ރާއްޖޭގެ 47 މަދަނީ ޖަމްޢިއްޔާ ގުޅިގެން އަލިމަސް ކާނިވާ ސަރަޙައްދުގައި ފެށި ކެމްޕޭނުގެ ތެރެއިންވަނީ ޢާއްމުތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށް އެކަން ތަންފީޒުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމަށް ހުޅުވާލާފައެވެ.
މިފުރުސަތު އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ޢާއްމުކޮށްވަނީ ހުޅުވާލާފައެވެ. މިޙަރަކާތް ރާވާ ހިންގަމުންގެންދާ މަދަނީ ޖަމްޢިއްޔާތަކުން ފާހަގަކުރާގޮތުގައި މިޕެޓިޝަނުގެ ސަބަބުން ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ ޤާނޫނު އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ. މިރަސްމިއްޔާތުގެ ތެރެއިންވެސް ގިނަބަޔަކު ޕެޓިޝަނުގައި ސޮއިކޮށްފައިވާއިރު ކުރިއަށްއޮތްތަނުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އޮންލައިން ޕްލެޓްފޯމެއްގައި ބައިވެރިވެވޭނެ ފުރުސަތު އޮންނާނެކަމަށް ޖަމްޢިއްޔާތަކުން ބުނެއެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައްމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ދުންފަތާބެހޭ ޤާނޫނަށް އިސްލާޙެއް ހުށައެޅުމަށް ބާރުއެޅުމަކީވެސް މިކެމްޕެއިނުގެ އެއް އަމާޒެކެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ކުރުން ރަނގަޅުކަމެއްގެގޮތުގައި މުޖުތަމަޢުގެ ގިނަބަޔަކު ދެކޭދެކުން ބަދަލުކުރުމަކީވެސް މިކެމްޕެއިނުގެ އަމާޒެކެވެ. "އަހަރެން ދެކޮޅު" ކެމްޕޭންގެ ތެރެއިން ހުޅުވާލި ޕެޓިޝަން އިފްތިތާޙުކޮށްދެއްވީ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ބާކައުންސިލްގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު ފައިސަލެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލްވަނީ ޤާނޫނީގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ދުންފަތާ ދެކޮޅަށް ކުރިއަށްގެންދާ މިކެމްޕެއިންގައި މަދަނީ ގިނަ ޖަމްޢިއްޔާތަކަކުން ބައިވެރިވެފައިވާއިރު ދުންފަތުގެ ސަބަބުން ސިއްޙީ ގިނަގެއްލުންތަކެއް ވަމުންދާކަން މިރަސްމިއްޔާތުގައި ވާހަކަދެއްކެވި ގިނަބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.
ދުންފަތާމެދު ޢާއްމުން ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ޤާނޫނީ ގޮތުން ކޮންމެ މީހަކަށް ލިބިދީފައިވާ ޙައްގަށް މީގެ ސަބަބުން އުނިއަންނަކަމަށާ، ޤާނޫނުތައް އިތުރަށް ހަރުދަނާކޮށްގެން ނަމަވެސް ނުވަތަ ފިޔަވަޅު އަޅައިގންނަމަވެސް މިކަން ހުއްޓުވަން މަސައްކަތް ކުރުމަށް ޖަމްޢިއްޔާތަކުންވަނީ ގޮވާލާފައެވެ. މިޙަރަކާތްތައް މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް މިކަން އިންތިޒާމުކުރާ ޖަމްޢިއްޔާތަކުން ބުނެއެވެ.