ޚަބަރު

އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކައިގެން ދަތުރުކުރެވޭނެ ނިޒާމެއް އިފްތިތާޙުކޮށްފި


ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ފަސޭހައި ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް "ލަކްސް އިންވެސްޓްމަންޓް"އިން ޚާއްސަ ސްކީމެއް ތަޢާރަފްކޮށްފިއެވެ. މިސްކީމްގެ ދަށުން ދަތުރު ޕްލޭންކުރުމަށް ފަހު ވަގުތުން ދަތުރު ފުރޭނެއެވެ. އަދި ދަތުރުގެ ޚަރަދުތައް އިންސްޓޯލްމަންޓް އުސޫލުން އެކި މަސްމަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

މިއީ ޒަމާނަށާއި ދިރިއުޅުމަށް އަންނަމުންދަ ބަދަލާއެކު ދިވެހިންގެ ތެރޭގައި މިހާރު ދަތުރުކުރުމަށް ބޭނުންވާ މީހުން ތިބިއިރު އެފަދަ ފަރާތްތަކަށް އަމާޒުކޮށް "ޓްރެވެލް ނައު، ޕޭ ލޭޓަރ"ގެ ނަމުގައި ލަކްސް އިންވެސްޓްމަންޓުން ތަޢާރަފްކުރި ޚާއްސަ ޓްރެވެލް ސްކީމެކެވެ. މި ސްކީމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ދެވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން މި ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ދިޔުމަށް ވިސާ ހަމަޖެއްސުމާއި ޓިކެޓު ނެގުމާއި ހުރުމާއި ކެއުންފަދަ ކަންކަން ލަކްސްއިންގެ ފަރާތުން ހަމަޖައްސާނެކަމަށާއި އެފަދަ ކަންކަމާއި ދަތުރުވެރިޔާ އެއްވެސް ވަރަކަށް ވިސްނާކަށް ނުޖެހޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ބޭރު ޤައުމުތަކުގައި ޓުއަރ ދިނުމާއި އެކަމަށް ދަތުރު ހަމަޖެއްސުމުގެ ހުރިހާ ކަމެއްވެސް މި ސްކީމްގެ ދަށުން ހަމަޖައްސާނެކަމަށް ލަކްސްއިން ވިދާޅުވެއެވެ.

ވަގުތުން ދަތުރުކުރުމަށްފަހު މިސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ 3 މަސްދުވަހާ 18 މަސްދުވަހާ ދެމެދުގެ މުއްދަތެކެވެ. އަދި ސްކީމަށް ފައިސާ ކަނޑަމުންދާނީ ކޮންމެ މަހެއްގައި ވެސް އެމުވައްޒަފެއްގެ މުސާރާއިގެ 35%އަށްވުރެ ކުޑަ ޢަދަދަކުންކަމަށްވެސް ލަކްސްއިން މަޢުލޫމާތުދެއްވައެވެ.
މި ސްކީމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމަށް ފައިދާވާނެ ފަދަ ކޮންސެޕްޓަކަށް ހެދުމަށްޓަކައި ގެސްޓް ހައުސްތަކާއި ޢާއްމުންގެ ގޭގެގެ ކޮޓަރިތައްވެސް ކުއްޔަށް ދިނުމުގެ ފުރުސަތު ލަކްސްއިންއާއި ގުޅިގެން ޢާއްމުނަށް އޮންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ސްކީމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ޙުސެއިން ޒާމިރު ވިދާޅުވީ މި ސްކީމާއެކު ރާއްޖޭގެ ޓްރެވެލް އިންޑަސްޓްރީއަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި މިކޮންސެޕްޓަށް އިތުރު ބަދަލުތަކާއެކު އިތުރު ކުންފުނިތަކުން ކުރިމަތިލުން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ޒާމިރު ވިދާޅުވިއެވެ.

މި ސްކީމްގައި ބައިވެރިވެވޭނީ ލަކްސްއިންއާއެކު ޚާއްސަ އެއްބަސްވުމެއް އެކުލަވާލާފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށެވެ. އެގޮތުން އެފަދަ ކުންފުންޏެއްގައި މަސައްކަތްކުރާ ޢުމުރުން 18 އަހަރުވެފައިވާ ކޮންމެ ފަރާތަކަށްވެސް އެޕްލިކޭޝަން ފޯމަކާއި ކުންފުނީގެ ދާއިމި މުވައްޒަފެއްކަން އިނގޭނެފަދަ ލިޔުމެއް ހުށައެޅުމުން ވަގުތުން ރެޖިސްޓަރކޮށް އެފަރާތަކުން ދަތުރުކުރަން ބޭނުންވާ ކޮންމެ ތަނަކަށް ދިޔުމުގެ ހުރިހާކަމެއް ލަކްސްއިން ހަމަޖައްސައިދޭނެއެވެ.

މިއުސޫލު ކުރިއަސް އޮތް ތަނުގައި ބަދަލުކޮށް ޢާއްމުންގެ ގިނަބަޔަކަށް ދެވޭނެފަދަ އުސޫލެއް އުކަލަވާލައި އިތުރު ދާއިރާތަކަށް ހުޅުވާލާ ސްކީމް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށް ލަކްސްއިން ވިދާޅުވެއެވެ. އެގޮތުން ކައިވެނީގެ ޕެކޭޖްތަކާއި ޒުވާނުންނަށް ޚާއްސަކޮށްގެން ބެކްޕެކިންގއާއި ސީޒަނަލްކޮށް އަންނަ ކަންކަމަށް ޚާއްސަ ޕެކޭޖުތަކާއި ސީ ކްރޫޒެސްއަށްވެސް ޕެކޭޖްތައް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ލަކްސްއިން ވިދާޅުވެއެވެ.