މެޗުން ކާމިޔާބު ލިބުނީ މުޅި ޓީމުން މޮޅަށް ކުޅެގެން ކަމަށާއި ޓީމުގެ ރޫހު ވަރަށް ރަނގަޅަށް ފެނިއްޖެކަމަށް ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.
ވަރލްޑްކަޕް ކޮލިފައިން އަދި އޭޝިޔަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ވާދަކޮށް ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނީ މެޗުން ޗައިނާ މޮޅުވީ ވަކި ކުޅުންތެރިޔަކު މޮޅަށް ކުޅެގެން ނޫންކަމަށާއި މުޅި ޓީމް މެޗުގައި މޮޅަށް ކުޅުނު ކަމަށެވެ. އަދި ހަމައެހެންމެ މުޅި ޓީމުގެ މޮޅުކުޅުމާ އެއްވަރަށް ދަނޑުމަތީ ކުޅުންތެރިން ކުރި ހައްވަރު ލިއްޕީ ވަނީ ފާހަގަކޮށްފައެވެ.
އިޓަލީއަށް ވޯލްޑްކަޕް ތަށި ހޯދައިދިން ކޯޗު ބުނީ ދަނޑުމަތީ ކުޅުންތެރިން މިރޭ ދެއްކި ކުޅުމުން ޓީމުގެ ރޫހު ރަނގަޅުކަން ސާބިތުވެގެން ހިގައްޖަކަމަށެވެ. އޭނާ ބުނީ މެޗުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭ ޓީމަކީ ބަލިޓީމެއް ކަން ނުދެކި ޗައިނާ ދެއްކި ކުޅުން ކަމަށާއި މުޅި ޓީމުން ދެއްކި ކުޅުމާމެދު އޭނާ ވަރަށް ހިތްހަމަޖެހޭކަމަށް މެޗަށްފަހު ތަރުޖަމާނެއްގެ އެހީ ގައި ނޫސްވެރިންނާ ވާހަކަދައްކަމުން ލިއްޕީ ބުންޏެވެ.
" އަހަރަމެންނަކީ ވަކި ކުޅުންތެރިޔަކަށް ބަލައިގެން ކުޅޭނެ ބަޔެއް ނޫން. ޓީމެއްގެ ގޮތުގައި ކުޅެގެން އަހަރެމެން މޮޅެއް. މި މޮޅު ހައްގުވަނީ ހަމަކުޅުންތެރިންނަށް. ކުޅުންތެރިން ދަނޑުމަތީގައި ވަރަށް ހިއްވަރު ކޮއްފި. ޓީމުގެ ރޫހު ވަރަށް ރަގަޅަށް ފެނިއްޖެ. އަހަރެން އެންމެ އުފާވަނީ މި ޓީމުން ރާއްޖެއަކީ ބަލިޓީމެއް ކަމަށް ނުދެކި ދަނޑުމަތީގައި ދެއްކި ހިއްވަރު"
ޗައިނާއާ ދެވަނަ ފަހަރަށް ހަވާލުވި ކޯޗު ލިއްޕީ ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން މެޗުގައި ދެއްކު ކުޅުމާއިމެދު އެއްވެސް ޝަކުވާއެއް ނެތްކަމަށާއި އޭނާއަށް މެޗުގައި ނެގުނީ އެންމެ ރަނގަޅު ފުރަތަމަ އެގާރަކަމަށް ލިއްޕީ ބުންޏެވެ. މި ނަތީޖާ މެދު ހިތްހަމަ ޖައްސާލުމުން ފުދުނީ ނޫންކަމަށާއި އެނާގެ ޓީމުން ކުރިއަށް އޮތް ދުވަސްތަކުގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭކަމަށް އިޓަލީގެ ޖުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކޯޗު ބުންޏެވެ. އޭނާ ބުނީ ރަނގަޅު މިސްރާބަށް ޓީމު ގެންދިޔުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފަވާ ކަމަށާއި އެ މިސްރާބަށް ދެވޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް ވެސް ވޯލްޑްކަޕް ކޮލިފައިން ޗައިނާގެ ޓީމާ އަލުން ހަވާލުވި ކޯޗު ލިއްޕީ ބުނި.
" ވަރަށް ރަނގަޅަށް ކުޅުންތެރިންގެ ނިންމުންތައް ވެސް ފެނިގެން ދިޔައީ އެ ހުރިހާ ކަމަކަށް އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފަ. އަހަންނަ ޓީމަށް ނެގުނީ އެންމެ ރަނގަޅު ފުރަތަމަ އެގާރަ. މިއީ ނަތީޖާ އެކު ހިތްހަމަޖައްސާލެވެން ނެތް. ކުރަން ހުރި މަސައްކަތް ގިނަވެފަ ބުރަ. ޓީމް ރަނގަޅު ޓްރެކުގައި ބޭއްވުމަށްޓަކައި ބުރަ މަސައްކްތެއް ކުރަންޖެހޭ."
މިރޭ 5-0 ލަނޑުން ރާއްޖެއާ ދެކޮޅަށް ހޯދީ މޮޅާ އެކު ކޮލިފައިންގެ ޗައިނާ ވަނީ ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. ރާއްޖޭ ދެ މެޗުން ހޯދީ ތިން ޕޮއިންޓާއެކު ރާއްޖޭ އޮތީ ތާވަލްގެ ހަތަރުވަނާގަ. މިއީ ކޮލިފައިންގަ ޗައިނާ ކުޅުނު ފުރަތަމަ މެޗުގައެވެ.