އޭނާގެ ކެރިއަރުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ ރެއާލް މެޑްރިޑުގައި ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިވަގުތު ވަޒީފާއެއްނެތި ހުސްކޮށް ހުރި ޗެލްސީ އާއި އިންޓަމިލާން އަދި ޕޯޓޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މިހެން ބުނީ ރެއާލް މެޑްރިޑާ ގުޅުވައިގެން ވާހަކަތަކެއް ދެކެވެމުންދާ ދުވަސްވަރެއްގަ އެވެ.
މޮރީނިއޯ ބުނީ އޭނާ ރެއާލް އަށް ކޯޗުކޮށްދިން ދުވަސްވަރު އެންމެ ފާހަގަކުރެވުނު ކަމަކީ ބާސެލޯނާއާ ދެމެދު އާދަޔާ ހިލާފު ވާދަވެރިކަމެއް އޮތުން ކަމަށެވެ. މިހެންވެ ފުރުސަތު ލިބިއްޖެނަމަ އެނބުރި ރެއާލް މެޑްރިޑަށް ދިއުމުގެ ޝައުގުވެރިކަން އަބަދުވެސް ގެންފުޅޭ ކަމަށެވެ. ނަމަވެސް މިވަގުތު އޭނާ ބޭނުންވަނީ ފުޓްބޯޅައިގެ އާއުކުޅުތައް ދަސްކުރަން ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މޮރީނިއޯ ބުނީ ކުރިމަގުގައި ކުލަބަކުން ފެނުމުގެ ބަދަލުގައި ގައުމީ ޓީމަކުން އޭނާ ފެނުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ. ސަބަބަކި އޭނާގެ އުމުރު 60 އަހަރަށް ނުދަނީސް ގައުމީ ޓީމަކާއެކު މަސައްކަތް ކުރަން ބޭނުންވާތީ ކަމަށެވެ. ނަމަވެސް ކޮންމެ ކޮންމެ ގައުމަކާ ހަވާލުވުމުގެ ބަދަލުގައި އޭނާ ހަވާލުވާނީ ކާމިޔާބު ހޯދޭނެ އަދި އޭނާގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރާނެ ގައުމަކާއެކުގައި ކަމަށެވެ.