ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހްމަދާ ގުޅޭގޮތުން އެޕާޓީއަށް ހުށައަޅާފައިވާ ސުލޫކީ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވަނީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވޭތީކަމަށް އެޕާޓީގެ ފަރާތުން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން ޢަލީ ޞާލިހް ވިދާޅުވީ ޑރ.ޖަމީލަކީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުކަމަށްވާތީ އޭނާއާމެދު ހުށަހަޅާ ސުލޫކީ މައްސަލައަކާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ކަމަށެވެ.
ކުރީގެ ނައިބު ރައީސް ޑރ.ޖަމީލްގެ ސުލީކީ މައްސަލައެއް ޖޭޕީއަށް ހުށައެޅީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިނާއެކު ސިޔާސީ ހަރަކާތްތަކުގައިގައި ބައިވެރިވަޑައިގެން ރަށްތަކަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. މި މައްސަލަ އެ ޕާޓީގެ ކައުންސިލް މެމްބަރަކު ޕާޓީއަށް ހުށައެޅީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިނުވާއިރު އެ ޕާޓީގެ ލީޑަރ މިހާރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ޖަމީލް ވަނީ މި މަހު ރައީސް ޔާމީނާ އެކު އދ.އަތޮޅުގެ ބައެއް ރަށްރަށް ވަޑައިގެން ޕީޕީއެމް ހަރަކާތްތަކުގައި ބައިވެރިވަޑައިގެންފައެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ އިސް މަގާމެއްގައި ހުންނަވައިގެން ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.