ވިޔަފާރި

ރެމިޓަންސް ޓެކްސް ނެގުން ހުއްޓާލަން ޖެހޭ - މިނިސްޓަރ ފައްޔާޟް


ރެމިޓެންސް ޓެކްސްއަކީ ދައުލަތަށް ފައިދާވާ ޓެކްސްއެއް ނޫންކަމަށާއި މި ބާވަތުގެ ޓެކްސް ނެގުން ހުއްޓާލަން ޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ އިސްމާއިލް ފައްޔާޟް ވިދާޅުވެއްޖެއެވެ.

ރެމިޓަންސް ޓެކްސްއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން، ރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ، ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާއިރު، ފައިސާގެ %3 ދައުލަތަށް ދައްކާ ގޮތަށް ނަގާ ޓެކުހެކެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ މި ބާވަތުގެ ޓެކްސްއަކީ އެއްވެސް ހާލެއްގައި ނަގަންޖެހޭ ޓެކްސްއެއް ނޫންކަމަށެވެ. އަދި މިޓެކްސްއަކީ ދައުލަތަށް މާލީ ގޮތުން މާބޮޑު ފައިދާއެއް ލިބޭ ޓެކްސްއަކަށް ނުވުމާއެކު މިބާވަތުގެ ޓެކްސް ނެގުން ހުއްޓާލަންޖެހޭކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

"ހަޤީޤަތުގައި އަޅުގަނޑު ޤަބޫލެއް ނުކުރަން ރެމިޓެންސް ޓެކްސްއަކީ ނެގޭނެ ޓެކްސް އެއް ކަމަކަށް. އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް އޮބްލިގޭޝަންގެ ދަށަކުން އަޅުގަނޑުމެންނަކަށް ހުއްދަކުރާކަމެއް ނޫން ރެމިޓެންސް ޓެކްސް ލޭބަރާސް އަތުން ނެގުމަކީ. ރެމިޓަންސް ޓެކްސްއަކުން ދައުލަތަށް މާބޮޑު ފައިދާއެއް ނުވެސް ވޭ. އެހެންވީމަ އަޅުގަނޑު ވަކާލާތުކުރާނީ އެ ޓެކްސް ހުއްޓާލުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީފާއާބެހޭ ގާނޫނަށް ގެނައި 5 ވަނަ އިސްލާޙާއެކު މި ގާނޫނަށް ރެމިޓަންސް ޓެކްސްއާ ބެހޭ ބާބެއް އިތުރުކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. މި ބާބުގައި ބުނާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސްގެ ގޮތުގައި 3 ޕަސެންޓު ނެގޭނެއެވެ.

ގާނޫނު ބުނާ ގޮތުން، ރެމިޓަންސް ޓެކްސް ދެއްކުމަކީ ބޭންކުތަކާއި މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

ފާއިތުވި އޮގަސްޓުމަހުގެ ނިޔަލަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އޭގެ ކުރީ މަހުވެސް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 71 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ރެމިޓަންސް ޓެކްސް ނެގުމަށްފަހު އެ ފައިސާ މީރާއަށް ދައްކަންޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.