އުތުރު ކޮރެއާއަށް ނިސްބަތްވާ ބޯޓަކަށް ޤާނޫނާ ޚިލާފަށް ދިވެހި ދިދަޖެހި ޓޭންކަރަކުން މުޢާމަލާތެއް ހިންގަންއުޅުނު ކަމަށްބުނެ ޢަބްދުﷲ ފަހުމީގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދެވެނޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ނޯތު ކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު މުޢާމަލާތް ހިންގާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 24ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމައްސަލާގައި ދައުލަތުން ފަހުމީގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާއެވެ. ނަމަވެސް އެމައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އެމައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައިވަނީ ފަހުމީގެ ޢަމަލަކީ އދ.ގެ ނިންމުމަކާ ޚިލާފު ޢަމަލެއްކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް އދ.ގެ ނިންމުމަކާ ޚިލާފުވުމަކީ ކުށެއްކަމަށް ޤާނޫނުގައި ބުނެފައިނުވާތީ ކަމަށްބުނެވެ.
އުތުރު ކޮރެއާއަށް ނިސްބަތްވާ ބޯޓަކާ ދިވެހި ދިދަޖެހި ޓޭންކަރަކުން މުއާމަލާތެއް ހިންގަމުން ދަނިކޮށް ފެނުނީ ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ އެއާކްރާފްޓަށެވެ. ޒިން ޔުއާން 18 ނަމަކަށް ކިޔާ ޓޭންކަރާއި އުތުރު ކޮރެއާއަށް ނިސްބަތްވާ ޗޮން މަ ސަން ނަމަކަށް ކިޔާ އުޅަނދު ކަނޑުމަތީ ހިންގި މުއާމަލާތަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރާ ޚިލާފު އަމަލެއްކަމަށް ބެލެވުނެވެ.
އެއީ އެ މުއާމަލާތް ހިނގިއިރު އުތުރު ކޮރެއާއާ ދެކޮޅަށް އދ.އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ އެގޮތަށް ކަނޑުމަތީގައި މުއާމަލާތްކުރުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައިވާތީއެވެ.
ނަމަވެސް ދައުލަތުން ފަހުމީގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލާފައިވަނީ އުތުރު ކޮރެއާއާ އެކު ދިވެހި ރައްޔިތުން ނުވަތަ ރާއްޖޭގެ އުޅަނދުތަކުން ތެލުގެ މުއާމަލާތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށް ނިންމުމަށްފަހުއެވެ. އަދި އިސްލާމީ ޝަރީއަތުގައި ނުވަތަ ރާއްޖޭގެ ގާނޫނެއްގައި ކުށެއްކަމަށް ކަނޑައަޅާފައިނުވާ ކަމަކާ ގުޅިގެން އެއްވެސް މީހަކަށް އަދަބެއް ދިނުން ގާނޫނުއަސާސީ މަނާކުރާ ކަމެއްކަމަށް އެ ނިންމުމުގައި ފާހަގަ ކުރައްވާފައިވެއެވެ.