ޚަބަރު

އަމިއްލަ އިއުތިރާފާއެކު އަދީބު 3 މަހާއި 18 ދުވަހަށް ޖަލަށް


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގައި 3 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް ކުރީ ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގްބޯޓެއްގައި ރާއްޖެއިން ބޭރަށް ފިއްލަވައިގެން ވަޑައިގެންނެވި މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެ ދައުވާ އަދީބުގެ މައްޗަށް ސާބިތުވީ ކުށަށް ކޯޓުގައި ވެވަޑައިގެންނެވި އިއޫތިރާފާއެކުއެވެ.

ކުށް ސާބިތުވާކަމަށް މައްސަލަ ބައްލަވާ ގާޒީ ކަނޑައެޅުވުމަށްފަހު ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ކުށަށް ދޭނެ އަދަބަކާއި ގުޅޭ ގޮތުން އަދީބަށާއި ދައުލަތުގެ ވަކީލުންނަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދީފައިވެއެވެ. ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ގެނައީ މިދިޔަ އޮގަސްޓް މަހުގެ 3ވަނަ ދުވަހުއެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އަދީބު ވަނީ އޭނާގެ ސިއްޙީ ޙާލަތު ބަޔާންކުރާ ލިޔެކިޔުންތައް ޝަރީއަތައް ހުށައަޅުއްވާފައެވެ.

އަދީބުގެ މައްޗަށް ދަށުކޯޓުން އިއްވި ޖަލު ހުކުމެއް ހައިކޯޓުން ބާޠިލްކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެއަމުރުގެ ދަށުން ޖަލުގައި ބެހެއްޓެވުމަށްފަހު މިހާރު ހުންނެވީ ޓެގް އެޅުވުމަށްފަހު މޮނިޓަރ ކުރެވޭ ގޮތައް ގޭބަންދުގައި ބަހައްޓާފައެވެ.