ޚަބަރު

ޗައިނާގެ އެހީގައި ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމްއެއް އަޅަނީ


ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމްގެއް ތަރައްޤީކުރުމުގެ މަޝްރޫޢެއް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާއާއިއެކު ސޮއިކޮށްފިއެވެ.

ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމް މަޝްރޫޢޫގެ މަސައްކަތްތައް ފެށުމާއި ގުޅޭ އެއްބަސްވުމެއްގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއިއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި ސީ.އެމް.އީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަދި ދިވެހިރާއްޖޭގެ ސީ.އެމް.އީ.ސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް މރ. ލިއު ޝިއައޯޑާ އެވެ.

މި އެއްބަސްވުމުގެ ދަށުން 4 މަސްދުވަހުގެ ތެރޭގައި މަޝްރޫޢާއިގުޅޭ އެންމެހާ ދިރާސާތައްކޮށް، ސީ.އެމް.އީ.ސީ. ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަންޖެހެއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ އިތުރުން ސީ.އެމް.އީ.ސީ ކުންފުނީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަދި ޕްރެޒިޑެންޓް ހާން ސިއައޮޖިން އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މީގެ ކުރިން ގަދަރުވެސް ހުޅުމާލޭގައި ސްޓޭޑިއަމްއެއް އަޅައިދިނުމަށްވަނީ އެއްބަވެސްވެފައެވެ. ނަމަވެސް މިދިޔަ ސަރުކާރުން ގަދަރާއިއެކު ސިޔާސީ ގުޅުން ކަޓާލި ހިސާބުން އެކަންވަނީ ހުއްޓިފައެވެ. އަދި އޭރު ޔޫތް މިނިސްޓްރީން ބުނީ ގުޅުން ކަޑާލި ހިސާބުން ފެށިގެން ގަދަރުން ޔޫތް މިނިސްޓްރީން ކުރި އެއްވެސް މެއިލްއަކަށްވެސް ޖަވާބުދީފައެއް ނުވެއެވެ.