ޚަބަރު

ގއ.އަތޮޅު ލީގް-ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކޯޓު އަމުރަކުން ހުއްޓުވައިފި


ގއ.އަތޮޅުލީގް-ޒަމާނީ ބަށިބޯޅަ މުބާރާތް 2019"ގެ ފައިނަލް މެޗް ކުޅުން ކޯޓު އަމުރެއްގެ ދަށުން ހުއްޓުވައިފި އެވެ.

ގއ.ދާންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ކޮމިޓީއިން ބަށިބޯލް ފައުންޑޭޝަން އާ ގުޅިގެން ބާއްވާ މި މުބާރާތުގެ ފައިނަލް ކުޅެން ހަމަ ޖެހިފައި އޮތީ މިއަދު ހަވީރެވެ. ނަމަވެސް ފައިނަލް މެޗް ކުޅުން ފަސްކުރުމަށް މިއަދު ހެނދުނު ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނީ ފައިނަލަށް ދިޔަ އެއް ޓީމު ކަމަށް ކުރިން އިއުލާންކުރި ޓީމެއް މުބާރާތުން ކަޑުވާލާފައިވާ ކަމަށްބުނެ އެ ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން ނެރުނު ވަގުތީ އަމުރެއްގައި އެވެ.

ބަށިމުބާރާތުގެ ގަވާއިދުގައި ހިމެނިފައިނުވާ ގޮތެއްގެ މަތިން ގއ.ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޓީމް (ފަތްމިނި ޓީމް) ކަޓުވާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ހުށައެޅީ ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ނެވެ. އެ ފަރާތުން މައްސަލަ ހުށައަޅާފައިވަނީ ފަތްމިނި ޓީމް ފައިނަލަށް ގޮސްފައިވާ ކަމަށާއި، ފައިނަލްމެޗް މިއަދު އޮންނާނެ ކަމަށް ހުރިހާ ސަޕޯޓަރުންނާއި ޓީމްތަކުގެ ހާޟިރުގައި އިއުލާން ކުރުމަށްފަހު، އެ ޓީމް މުބާރާތުން ކަޓުވާލާފައިވަނީ ކޮން އުސޫލެއްގެ ދަށުންތޯ މުބާރާތް އިންތިޒާމުކުރާ ފަރާތުން ސާފުކުރުމަށެވެ.

އަދި އެ މައްސަލަގައި ނިލަންދޫ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ އަމުރު ނެރުނީ ނިމުމުގެ ކުރިން މުބާރާތުގެ ފައިނަލްމެޗް ކުޅެ ނިމިއްޖެނަމަ، އެކަމުގެ ސަބަބުން ނިލަންދޫ ފަތްމިން ޓީމްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި އަދި މުޅި ގއ.ނިލަންދޫ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުރަވެވޭތީ ކަމަށެވެ.

ފަތްމިނި ޓީމް ފައިނަލަށް ދަތުރުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ އެއްވަނަ ޓީމުގެ ގޮތުގައި ކަމަށްވެފައި، އެ ޓީމް މުބާރާތުން ކަޓުވާލާފައިވަނީ އެ މުބާރާތުގެ ޤަވާއިދާއި އުސޫލުގައި އެކުލެވިގެންނުވާ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ފެންނަ ކަމަށް އެ އަމުރު ނެރުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އަދި އެހެންމެ އެ ފަދަ ކަންކަމަކީ މުޖުތަމައުގައި މަސްލަހަތު ގެއްލި، ހަމަނުޖެހުންތަކުގެ ތެރެއަށް ރައްޔިތުން ހުށަހެޅިގެން ހިނގައިދާނެފަދަ ކަމަކަށްވާތީ އެ މައްސަލަ ނިމެންދެން ފައިނަލް މެޗް ކުޅުން ފަސްކުރުމަށާއި އެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައި އެވެ.