ކުޅިވަރު

ރާމޯސް އަށް ރަތްކާޑު ނުދެއްކުމުން ސިމިއޯނީ ހިތްހަމަނުޖެހިފައި


ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރޭގެ މެޗުގައި ރަތްކާޑު ނުދެއްކުމުން އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މި ދެ ޓީމު ރޭ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ސިމިއޯނީ ބުނީ މެޗު ހިނގަމުންދިޔައިރު ރާމޯސް އޭނާއާ ޒާތީ ގޮތުން ދިމާކޮށް އޭނާގެ މަންމައަށް މުހާތަބްކޮށް ކުޅިވަރުގެ ރޫހާ ހިލާފު ހުތުރު އެއްޗެހިގޮވާފައިވާ ކަމަށެވެ. މެޗު ހިނގަމުންދިޔައިރު ވެސް ސިމިއޯނީ ވަނީ މިކަން ރެފްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މެޗަށް ފަހު އޭނާ ބުނީ ރެފްރީން ކަންކަން ކުރަންވާނީ އިންސާފުން ކަމަށެވެ. ރާމޯސްގެ މިއަމަލީ ބާސެލޯނާއާ ދެކޮޅަށް ކުޅެނިކޮށް އެތްލެޓިކޯގެ ފޯވަޑް ޑިއެގޯ ކޯސްޓާ އަށް ރަތްކާޑު ދައްކައި ފޮނުވާލައި ހަތް މެޗުގެ ސަސްޕެންޝަނެއް ދިންފަދަ އަމަލެއްކަމަށެވެ.

ސިމިއޯނީ ބުނީ ރޭގެ މެޗުން އޭނާގެ ޓީމަށް މޮޅުނުވެވުނު ނަމަވެސް ކުޅުން ރަނގަޅު ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމާމެފު މުޅިން ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް ބަލިނުވުމަކީ ވަރަށް ބޮޑު ރަނގަޅެއް ކަމަށެވެ. އަދި އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިން އެކަކު އަނެކަކު ދެނެގަތުމަށް ވަގުތު ބޭނުންވާ ކަމަށާއި ކުރިއަށްހުރި މެޗުތަކުގައި އޭނާގެ ޓީމުގެ ގުޅުންތެރިންކަން ބޮޑުވާނެ ކަމަށެވެ. އަދި ޓޭބަލުގެ އެއްވަނަ ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރެއާލް ޓޭބަލުގެ އެއްވަނާގައިވަނީ ހަތް މެޗުން 15 ޕޮއިންޓާއެކުގަ އެވެ. އެތްލެޓިކޯ އޮތީ އެއްޕޮއިންޓް ފަހަތުން ތިން ވަނާގަ އެވެ. ތޭރަ ޕޮއިންޓާއެކު ހަތަރު ވަނާގައިވަނީ އޮތީ ބާސެލޯނާ އެވެ. އެ ޓީމު ރޭ ގެޓަފޭ އަތުން މޮޅުވީ 2-0އިންނެވެ..