ކުޅިވަރު

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކޭވައިއާރުސީ ކާމިޔާބުކޮށްފި


ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ހޯދައިފިއެވެ.

ހަތް ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ކޭވައިއާރުސީ ހޯދި ރޭ ކުޅުނު ފައިނަލް މެޗުގައި ޒެނިތް ސްޕޯޓްސް ކްލަބްގެ މައްޗަށް 55 ޕޮއިންޓް، 34 ޕޮއިންޓުން ކުރިހޯދައިގެންނެވެ. ކޭވައިއާރުސީއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުކަން ފާހަގަކޮށްލެވެއެވެ. ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ކޭވައިއާރުސީގެ މަރިޔަމް ޝިނާއަތްއެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ، ކުޅުދުއްފުށި ޔޫތް ރެކްރިއޭޝަން ކްލަބުގެ ރާޝިދާ މޫސާ، އައިމިނަތު ރަބާބް، މަރިޔަމް ޝިނާއަތް، ޒެނިތް ސްޕޯޓްސް ކްލަބުގެ މަރިޔަމް މަނާލް ހުސައިން، މަރިޔަމް އަޝްފާ އަދި ކްލަބް މެޓްރިކްސްގެ މަރިޔަމް އަޝްފާ ޢަބްދުﷲގެ އިތުރުން ސްކައިލާކްގެ އައިމިނަތު ޝަރުމާއެވެ.

ކުއީން އޮފް ދަ ޓޯނަމެންޓްގެ މަޤާމު ހޯދީ ކުޅުދުއްފުށި ޔޫތް ރެކްރިއޭޝަން ކްލަބުގެ ރާޝިދާ މޫސާއެވެ.

ފައިނަލް މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ކުއީން އޮފް ދަ ޓޯނަމެންޓްގެ މަގާމު ހޯދި ކޭވައިއާރުސީގެ ރާޝިދާ މޫސާ ބުނީ، މި ނަތީޖާއަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި، ގްރޫޕް ސްޓޭޖުގައި ޒެނިތް ބަލިކުރި ސްކޯރއަށް ވުރެއް ތަފާތު ބޮޑުކޮށް ފައިނަލް މެޗުގައި ސްކޯރ ކުރެވުމުން ހިތްހަމަޖެހޭކަމަށެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށްވެސް ރާޝިދާ މޫސާ ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒެނިތް ސްޕޯޓްސް ކްލަބުގެ އެސިސްޓަންޓް ކޯޗު ބުނީ ކޭވައިއާރުސީއަކީ މޮޅެތި ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި، މިހާ ތަފާތު ބޮޑު ނަތީޖާއެއް މި މެޗުން ނުކުތީ ކޭވައިއާރުސީގެ ރާޝިދާ މޫސާއާއި އައިމިނަތު ރަބާބް ނުހިފެއްޓިގެންކަމަށެވެ.

ސެޕްޓެމްބަރ 18 އިން 30 ގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި 7 ޓީމެއް ބައިވެރިއިރު، މުބާރަތް ކުރިޔަށް ގެންގޮސްފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.