ޚަބަރު

ރައީސް ޔާމިންގެ މައްސަލައިގެ ފަހު އަޑުއެހުން އަވަސްކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދަޢުވާގެ ފަހު އަޑުއެހުން އަވަސްކޮށްފި އެވެ.

އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ގާޒީ ވިދާޅުވެފައިވަނީ މައްސަލައިގެ ހުލާސާ ބަޔާން ހުށައަޅަން ބާއްވާ އަޑުއެހުން އެހުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ބައްލަވާ އެ މައްސަލައިގެ ފަހު އަޑުއެހުން މިހާރު ބޭއްވުމަށް ހަމަ ޖައްސާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

ރައީސް ޔާމިން މައްޗަށް އުފުލާފައިވާ ދައުވާގެ ފަހު އަޑުއެހުމުގައި ހުލާސާ ބަޔާން ހުށައެޅުމަށްފަހު ދެން އޮންނާނީ މައްސަލަ ސާބިތުވާކަން ނުވަތަ ނޫންކަން ގާޒީ ކަނޑައަޅާ މަޖިލީހެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ކުށް ސާބިތުވާ ކަމަށް ގާޒީ ކަނޑައަޅުއްވައިފި ނަމަ އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ގުޅޭ ގޮތުން ދެ ފަރާތައްވެސް ވާހަކަ ދެއްކުމަށް ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ އެވެ. އަދި ކުށުގެ އަދަބު ގާޒީ ކަނޑައަޅުއްވާނީ އޭގެ ފަހުންނެވެ.

ޔާމިނަށް ކުރާ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ޝަރީއަތުން ވަނީ ހެއްކާ ބެހޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފައި އެވެ.

ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ކަމަށް ތުހްމަތުކުރެވޭ ކުށްތަކާ ގުޅިގެން އުފުލި ފުރަތަމަ ދައުވާ އެވެ.