ތިމާވެށި ހިމާޔަތްކުރުމަށް އަޅުގަނޑުމެން ގޮވަމުން އަންނަތާ އެތައް ޒަމާނެއްވެއްޖެއެވެ. ދިވެހިންގެ ރީތި ދޮންވެލި ކުދި ކުދި ރަށްތަކާއި އެ ރަށްތައް ވަށައިގެންވާ ފަރުތަކުގެ ނާޒުކުކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގައި އެކި ފެންވަރުގައި ދިވެހިން އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ ހުރިހާ ވެރިން އެއްވާ މަޖިލިސްތަކާއި އެ ނޫންވެސް އެތައް ޖަލްސާތަކާއި އެތައް ބައްދަލުވުމެއްގައެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަދުގެ ސަރުކާރުން މިވަނީ މިއަދު މުޅި ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު ނުރައްކަލުން ސަލާމަތްވެވޭތޯ އަތުކުރި އޮޅާލާފައެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާ ފުރަތަމަ ޤައުމަކަށް ރާއްޖެ ހަދާ މި ދޮވެލި ރީތިރަށްތައް ދުނިޔެ މަތީ ސުވަރުގެ ގޮތުގައި މުޅި ދުނިޔެ ބުނާ ބުނުން އެގޮތުގައި ބޭއްވުމުގެ މަސައްކަތް ފަށާފައެވެ.
ރާއްޖޭއިން ތިމާވެށި ހިމާޔަތްކުރުމަށް އެހެން ޤައުމުތަކަށް ގޮވާލި ނަމަވެސް އަމިއްލަ ވެއްޓާއި މެދު އަޅުގަނޑުމެން އެހާ ސަމާލުކަން ދިން ތަނެއް ފެނިފައެއް ނުވެއެވެ. ފަރުދީ ގޮތުން އެމީހެއްގެ އަމިއްލަ ޒިންމާ މަދު މީހަކު ނޫނީ އަދާނުކުރެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މީގެ ތިރީހަކަށް އަހަރު ކުރިޔަށް ޖެހިލަމާތޯއެވެ. ދުނިޔޭގެ އެއްވަނަ ވެށީގެ ގޮތުގައި އޮތް ރާއްޖޭގެ ވެށި ހިމާޔަތްކޮށް ދޮންވެލި ތުނޑިތަކަށް ކުނި ނޭޅުމަށް 1989ގައި ގޮވާލީ ރާއްޖޭގެ މަޝްހޫރު ތޮއްޑޫ ސޯސަން ކުލަބުންނެވެ. އެހެންނަމަވެސް ފަރި ބަނޑިޔާގެ ހަރަކާތްތަކާއެކު އެ ގްރޫޕުން ދިން މި މެސެޖް އަޅުގަނޑުމެން ބަލައިގަތީ ހަމައެކަނި ފޫހިފިލުވާލުމަށް އަހާލީ ލަވައެއްގެ ގޮތުގައެވެ.
އުފަލުން ފުރޭފަދަ ހުދު ފަޅު މި ވިލުތަަކާއި ނޫކުލަ ފަވާލާ ހިތްގައިމު ކަނޑުތައް ރީތިކޮށް އަބަދަށް ބާއްވަން އެދި ކިޔަމުންދިޔަ ލަވައިގައި ދައްކަމުން ދިޔަ ވާހަކަތައް އެގުނު މީހަކުވެސް ނެތް ފަދައެވެ. ދުނިޔޭގެ އެއްވަނަ ލިބިފައި މި ވެއްޓާއި ހުދުފަޅާއި ވިލުތައް ހަޑިކޮށް ނުލުމަށް ދިން ނަސޭހަތުގައި މަދު ބަޔަކު ނޫނީ ހިފާފައެއް ނުވެއެވެ.
ތޮއްޑޫ ސޯސަން ކުލަބުގެ މި އާދޭސް އަނެއްކާވެސް މިވަނީ މިއަދުގެ ފަންނާނުގެ އަޑުން މިއަދުގެ ޖީލާއި ހަމައަށް ގެނެސްދީފައެވެ. މި ފަހަރު ވަރަށް ސާފަުކޮށް އަދި އެޗްޑީކޮށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ލަވައިގެ އަޑު އަނެއްކާވެސް ގުގުމާލާފައި މިވަނީ ތިމާވެއްޓަށް ނުރައްކާވާ ފަދަ އެތައް އަމަލުތަކެއް އަޅުގަޑުމެންގެ ފަރާތުން ފެންނަމުންދާ ދުވަސްވަރެއްގައެވެ.
އެއްވެސް ބެލުމެއް ޚިޔާލެއް ފިކުރެއްނެތި ފައިސާގެ ބޭނުމަށް ރަށްރަށުން ރުއްގަސް ކެނޑުން އާއްމުވެފައިވަނިކޮށެވެ. ތަރައްޤީގެ އެކި މަޝްރޫއުތަކަށް އެއްވެސް ދިރާސާއެއް ނުވަތަ ފަހުން ކޮށްފާނެ އަސަރަކަށް ބެލުމެތް ނެތި ބިމާއި ފަޅުތައް ހިއްކަމުންދާ ދުވަސްވަރެއްގައެވެ. ކަނޑުފަޅުތަކަށް އުކާލާ ކުންޏާއި ޕްލާސްޓިކުގެ އަދަދު ޓަނުން އިތުރުވެ ކަނޑުގެ ބައެއް ދިރުންތައް ނެތެމުންދާން ފަށާފައިވަނިކޮށެވެ.
މިހިސާބުން އަނެއްކާވެސް އަޅުގަނޑުގެ ހިތައް އަރަނީ ހަމަ އެއް ވާހަކަތަކެކެވެ. އަނެއް ތިރީސް އަހަރު ވަންދެން އަނެއްކާވެސް މި ވާހަކަތަކާއި މި މެސެޖް ބޭނުންކުރާނީ ފޯނުގެ ޕްލޭލިސްޓްގައި ފޫހިވާވަގުތަކުގައި ޖަހާލަން ބާވައެވެ. ނޫނީ ދުވަސްކޮޅަކަށް ޝޯޝަލް މީޑިއާގައި ޝެއަރ ކޮށްލާފައި ނިންމާލާނީ ތޯއެވެ. ލަވައިގައި އެދޭ މެސެޖް ރަނގަޅަށް ކަނުލާ އަހާލާ އެ މެސެޖަށް އަމަލުކުރާނީ އަޅުގަޑުމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ. ނޫނީ އަނެއްކާވެސް ތިރީހަކަށް އަހަރުފަހުން މި މެސެޖް ރީ މޭކެއްގެ ގޮތުގައި އުފައްދާނީ ތޯއެވެ.
ނޫނެކެވެ. މީގެ ތިރީސް އަހަރުކުރީގެ މި މެސެޖަށް އަޅާ ނުލާ ދޫކޮށްލި ގޮތަށް މި ފަހަރު ކަން ނުކޮށް ރާއްޖޭގެ މި ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ނޫ ވިލުތައް ސާފުކޮށް ބާއްވާ މި ރަށްތައް ފެހިކޮށްލުން އެއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ހަދަމާ ހިނގާށެވެ. އެއީ އުފަލަކަށް ހަދާ އެ މެސެޖް އެކަކު އަނެކަކަށް ފޯރުކޮށްދެމާ ހިނގާށެވެ.