ޚަބަރު

އާސިފް ޚާންގެ މައްސަލާގައި ކްރިކެޓް ބޯޑް ހިމޭނުން


ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ޤައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާންގެ މައްސަލާގައި އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވެއްޖެއެވެ.

ދެކުނު އެފްރިކާގެ އާސިފް ޚާން ވަނީ ޖިންސީ ގޯނާނެ ތުހުމަތުގައި އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއިން ފުރަސް ގޮސް ހުއްޓައި ހައްޔަރުކޮށްފައެވެ. ކްރިކެޓް ބޯޑްގެ އިސް އޮފިޝަލަކު ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލުމާތުދެމުން ބުނީ އާސިފް ހާން ފުރަން ގޮސްފައިވަނީ ރާއްޖެއިން ބޭރުގައި އޮތް ވޯކްޝޮޕްއެއްގައި ބައިވެރިވާންކަމަށެވެ.

މިމައްސަލައާއި ގުޅިގެން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވީ މިހާރު މިމައްސަލައަކީ ފުލުހުން ބަލަމުންދާ މައްސަލައެއްކަމަށްވާތީ މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން މިވަގުތު ރަގަނޅު ނުވާނެކަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާން ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭކަމަށާއި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ޙާން ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށްބުނެ ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިންވަނީ ބަޔާނެއް ނެރެފައެވެ.

ޤައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިކެޓް ބޯޑްއަށް މިކަން އެގި އެކަން ސިއްރުކުރަން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރުގެ މަތީން ޖިންސީ ގޯނާކޮށްފައިވާކަމަށާއި މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޅުންތެރިންވެސް ހިމެނޭކަމަށް ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ގައުމީ ކްރިކެޓް ޓީމްގެ ކޯޗް އާސިފް ޙާން ގައުމީ ކޯޗްކަމާއި ހަވާލިވިތާ އަދި މިވީ އެއް އަހަރުދުވަހެވެ. އާސިފް ޙާންގެ ކޯޗްކަމުގެ ދަށުން މެލޭޝިޔާގައި މިދިޔަ ޖޫން މަހުގައި ކުރިއަށްދިޔަ ޓްރި-ނޭޝަންސް ޓީޓްވެންޓީ ކްރިކެޓް މުބާރާތާއި އިންޑިޔާ އާއި ރާއްޖެއާއި ދެމެދުގައި ކުޅެވުނު އެކުވެރިކަމުގެ މެޗްގައި ގައުމީ ކްރިކެޓް ޓީމްއަށް އިރުޝާދު ދީފައިވަނީ އާސިފް ޚާނެވެ.