ވީއޭއެމްގެ ހިންގާ ޤަވާއިދު ފާސްކުރާ ކޮންގްރެސް ހުއްޓުވައިދިނުމަށް އެއެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް އެދިއްޖެއެވެ.
ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިރޭ ބާއްވަން މަސައްކަތް ކުރަމުންދާ އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ހުއްޓުވައިދިނުމަށް މުހައްމަދު ލަތީފް އެދިފަވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގައެވެ. އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދަށް އެޑްރެސް ކުރައްވައި މިއަދު މެންދުރުފަހު އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ފޮނުވި ސިޓީގައި ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ޤާނޫނާ ޚިލާފަށް ނޯމަލޭޒޭޝަން ކޮމެޓީއެއް އިސްކޮއްފަވާތީ އެކަމަކީ ބައިނަލްއަގުވާމީ ވޮލީބޯޅައިގެ މައި އިދާރާއިން ބަލައިގަންނަ ކަމެއް ނޫންކަމަށާ، އެއިދާރައިން 04 ސެޕްޓެމްބަރުގައި ނޮމަލަޒޭޝަން ކޮމެޓީގެ ޗެއާމަނަށް ޢަބްދުﷲ އާމިރަށް ފޮނުވި ސިޓީގައި އެކަން ބަޔާންކޮށްފައިވާކަމަށެވެ.
ލަތީފްގެ ސިޓީގައި އެންމެ މުހިންމު ކަމެއްގައި ގޮތުގައި ފާހަގަކުރައްވާފައިވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ މެންބަރު ކުލަބުތަކުގެ ތެރެއިން ބައެއް ކްލަބްތަކަށް ފުރުސަތު ނުދޭން ނިންމާފަވާކަމުގެ މަޢުލޫމާތު ލިބިފިވާކަމަށެވެ. ލަތީފްގެ ސިޓީގައި އެފްއައީވީބީގެ ނިންމުން ތަންފީޒު ކުރުމުގެ ބާރުއަޅުއްވައިދެއްވައި ނޯމަލަޒޭޝަން ކޮމެޓީގެ ފަރާތުން ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށް އެކޮމިޓީއަށް އަންގަވައިދެއްވުމަށްވެސް ލަތީފްވަނީ އެދިފައެވެ. އެހެންކަމުން މިކަންކަން ބަޔާންކޮށް މުޙައްމަދު ލަތީފް ވިދާޅުވެފަވަނީ ނޯމަލައިޒޭޝަން ކޮމެޓީން ބާއްވަން މަސައްކަތްކުރާ އެކްސްޓްރާ އޯޑަނަރީ ކޮންގްރެސް ހުއްޓުވައިދިނުމަކީ އޮލިމްޕިކް ކޮމެޓީން ކުރަންޖެހޭނެ ކަމެއްކަމަށެވެ.
ނޯމަލައިޒޭޝަން ކޮމެޓީގެ ކޮންގްރެސް ބާއްވަން ތައްޔާރުވަނީ ހުސްވި ސެޕްޓެންބަރުމަހު އެފްވީއައިބީން ނޯމަލައިޒޭޝަން ކޮމެޓީ ބަލައިނުގަންނަކަމަށް ބަޔާން ނެރެފަވަނިކޮށެވެ.