ޚަބަރު

ދިވެހިންނަށް ލިބެންހުރި މަހުގެ ކޮލިޓީ ރަނގަޅުކުރަންޖެހޭ - މިނިސްޓަރ ޒަހާ


ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ މަހުގެ ކޮލިޓީ ހިފެހެއްޓިފައި ވީނަމަވެސް، ރާއްޖޭގައި ދިވެހިން ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ކޮލިޓީ ދަށްކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ކޮލިޓީ ރަނގަޅު މަހުގެ ބާވަތްތައް ފޯރުކޮށްދޭ ޤައުމެއްކަމަށެވެ. އެހެންނަމަވެސް ދިވެހިން ކެއުމަށް ރާއްޖޭގައި ބައެއް ފަހަރު ލިބެން ހުންނަ މަހުގެ ބާވަތްތަކުގެ ފެންވަރު ވަރަށް ދަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ޙައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ އިމްޕޯޓުކުރާ ކާބޯތަކެތި ބާވަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖޭގައި ހެއްދޭ ބާވަތްތައް އުފައްދަން ޖެހޭކަމަށެވެ. މިއަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރު އެކަނިވެސް 17 ރަށެއްގައި 350 އަށްވުރެ ގިނަ ދަނޑުވެރިންނަށް ތަމްރީން ދެވިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާގެ ވާހަކަފުޅުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ހުރިކަންވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭއަކީ ކާބޯތަކެތި އުފައްދާ ފުދުންތެރި ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓްގެ އެހީގައި އަންނަ އަހަރު ބޮޑު މަޝްރޫޢެއް ފެށުމަށް ހަމަޖެހިފައިވާކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. އެގޮތުން މި ޕްރޮޖެކްޓް އެކުލަވާލުމުގެ މަސައްކަތް މިހާރުކުރަމުންގެންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ ފަދަ ޕްރޮޖެކްޓެއް ކަމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "އަހަރެމެންގެ ޢަމަލުތައް، އަހަރަމެންގެ ކުރިމަގު."މިއެވެ. މިދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނައިރު އެންމެ ފުރަތަމަ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެއް ފާހަގަކޮށްފައިވަނީ 16 އޮކްޓޯބަރ 1945 ވަނަ އަހަރުގައެވެ.