ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތް ބަލައެއްނުގަނެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރަން ޖެހިދާނެކަމަށް ބުނެ ޕީޕީއެމް އާއި ޕީއެންސީ އިން އިންޒާރު ދީފިއެވެ.
ޕްރޮގްރޮސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާކަމަށް ތުހްމަތު ކުރައްވާފައެވެ.
ސައީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ދައުލަތުގެ ތިން ބާރަކީ ވަކިވަކި ތިން ބާރުކަން ރައްޔިތުންނަށް ދައްކުވާދީފައިވާނެކަމަށެވެ. އެހެން ނަމަވެސް މިހާރު ހިނގަމުން ދަނީ އެގޮތައް ނޫން ކަމަށާއި ސިޔާސީ ބޭނުމަށް ޝަރުއީ ދާއިރާ ބޭނުން ކުރުން ހުއްޓަލަން ސައީދު ގޮވާލެއްވިއެވެ.
ޕްރޮގްރޮސިވް ކޯލިޝަނުން ބުނީ އެ ދެޕާޓީގެ މެމްބަރުން މަދު ނަމަވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށާއި ޖޭއެސްސީން މަސައްކަތް ކުރަނީ މި ސަރުކާރު ވެރިކަމަށް އައިއިރު ސުޕްރީމްކޯޓްގައި ތިބި ފަނޑިޔާރުން ވަކިކުރުމަށްކަމަށެވެ.
މި ސަރުކާރުން ބޭނުންވެގެން އުޅެނީ ވަކި ބައެއްގެ އަތްދަށަށް ޝަރުއީ ދާއިރާ ގެންގޮސް ވަކި ބަޔަކު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ކަމަށްވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
މިދިޔަ ސަރުކާރުން ވަނީ ސުޕްރީމްކޯޓުން ނެރުނު އަމުރެއް ތަންފީޒު ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށް ދައުވާކޮށްފައެވެ. އަދި ކޯޓްގެ އަމުރު ތަންފީޒުކުރަން ނިންމި އޭރު ޕޮލިސް ކޮމިޝަނަރ ވެސް ވަނީ ހައްޔަރުކޮށްފައެވެ.