ޚަބަރު

ދިވެހިންގެ މެޑިކަލް ރިކޯޑުތައް ބެލެހެއްޓުމަށް ބޭނުންވާ ހަރުދަނާ ނިޒާމެއް އެކުލަވާލަނީ


ދިވެހިންގެ މެޑިކަލް ރިކޯޑުތައް ބެލެހެއްޓުމަށް ބޭނުންވާ ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

2015 ވަނަ އަހަރު އެކުލަވާލި ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މެޑިކަލް ރިކޯޑާ ބެހޭ ޤަވާއިދު އިއްޔެ ވަނީ އާންމުކޮށްފައެވެ. މި ޤަވާއިދަކީ ރާއްޖޭގައި ބޭސްފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލި ޤަވާއިދެކެވެ. މި ޤަވާއިދަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ އިއްޔެއިންފެށިގެން 3 މަސް ދުވަހުގެ ފަހުންނެވެ.

މިޤަވާއިދުގެ ދަށުން މެޑިކަލް ރިކޯޑުތައް އިތުރަށް ހަރުދަނާ ކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާ ސިއްޙީ ފަރުވާދޭ ހުރިހާތަނެއް މޮނީޓަރ ކުރެވިގެންދާނެއެވެ. މީގެ އިތުރުން މިނިޒާމުގެ ތެރެއިން ސިއްޙީ ޚިދުމަތްދޭ ތަންތަނާއި މުވައްސަސާތަކުގައި ހިމެނޭ ބަލި މީހުންގެ ހުރިހާ މެޑިކަލް ރިކޯޑްތައް ބެލެހެއްޓުމަށް ޚާއްސަ ޑިވިޝަނެއް ކޮންމެ އިދާރާއެއްގައި ހަމަޖައްސާ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރާނެއެވެ. އަދި މިމަޢުލޫމާތުތައް ރައްކާތެރިކުރުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށްވަނީ ހަމަޖެހިފައެވެ.

މިޤަވާއިދާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ އިސްމާޢިލް ޒާހިރު ވިދާޅުވީ މިޤަވާއިދުގެ ސަބަބުން މެޑިކަލް ރިކޯޑުތަކާ ބެހޭ މަޢުލޫމާތާއި އެ މަޢުލޫމާތު ރައްކާތެރިކުރުމަށް މަސައްކަތްކުރެވޭ މިންވަރު ދެނެގަތުމަށް މޮނީޓަރ ކުރާނެކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން މެޑިކަލް ރިކޯޑުގެ ގޮތުގައި ކަނޑައެޅޭ ލިޔެކިޔުންތައް އެނގެން ނުހުންނަކަމަށެވެ. އަދި އޭރު މެޑިކަލް ރިކޯޑުތައް ރައްކާކުރުމަށް ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް މިނިސްޓްރީން އަންގާފައިވީނަމަވެސް އެކަން ކުރަނީ ޤާނޫނީ ބާރު ލިބިގެން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިޤަވާއިދާއެކު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މިހާރުވެސް ޕްރެކްޓިސްކުރަމުން އަންނަ މެޑިކަލް މެކޭނިޒަމެއް ރާއްޖޭގައިވެސް ޤާއިމުވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.

މެޑިކަލް ރިކޯޑާ ބެހޭ ޤަވާއިދާ ޚިލާފުވާ ސިއްޙީ ޚިދުމަތްދޭ ތަންތަން ދިހަހާސް ރުފިޔާއާއި އެއްލައްކަ ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމާނާކުރެވޭނެކަމަށްވެސް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ކުރިން ރާއްޖޭގައި ސިއްޙީ ފަރުވާ ހޯދާ މީހުންގެ މެޑިކަލް ރިކޯޑުތައް ބެލެހެއްޓުމަށް އެއްވެސް ނިޒާމެއް އަދި އުސޫލެއް އެކުލަވާލާފައެއް ނުވެއެވެ. މިޤަވާއިދާއެކު ކޮންމެ ދިވެއްސެއްގެ މެޑިކަލް ރިކޯޑު އެމީހެއްގެ ޢުމުރަށްވެސް ރައްކާކުރެވިގެންދާނެއެވެ. އަދި އެއީ އެންމެ އިތުބާރު ހުރިގޮތުގައި ރައްކާކުރެވިފައިވާމަޢުލޫމާތު ކަމުގެ ޔަޤީންކަން ކޮންމެ މީހަކަށްވެސް އޮންނާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.