ޚަބަރު

ފުލުހުންގެ ޓީމެއް ފުށިދިއްގާއަށް


އދ. ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް ދެ ފަރާތަކަށް ދީފައިވާ މައްސަލަ ކޯޓުގައި އޮއްވާ އެ ރަށުން ވަކި ފަރާތަކުން މާލީ މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ރަށަށް އަރައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުންގެ ޓީމެއް އެރަށަށް ދިޔައީ ފުށިދިއްގާއާ ބެހޭ ގޮތުން މީޑިޔާ އާއި ސޯޝަލް މީޑިޔާގައި ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން އެކަން ހިނގަމުންދާ ގޮތް ބެލުމަށް ކަމަށެވެ.

ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް 2011 ވަނަ އަހަރު މ.ހަސްތީ، އަޙްމަދު ހަލީލް ނަމަކަށް ކިޔާ މީހަކު ސަރުކާރަށް ހުށައެޅުމުން އެކަން ސަރުކާރުން ޤަބޫލު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކޮށްފައިނުވާ ކަމަށްބުނެ ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި އެ ކޯޓުން ހުކުމް ކުރީ އެ އެއްބަސްވުމާ އެއްގޮތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަމަލު ކުރުމަށެވެ.

ނަމަވެސް ސިވިލް ކޯޓުގައި އެ މައްސަަލަ ހިނގިއިރު އެ މައްސަލަގެ ތެރެއަށް އެޗް.އެމް.އެޗް ކިޔާ ކުންފުންޏަކުން ވަނީ ވަދެފައެވެ. އެ ކުންފުނިން އެ މައްސަލައިގެ ތެރެއަށް ވަނީ ފުށިދިއްގާ ގައި ރިސޯޓެއް ހެދުމަށް 2014 ވަނަ ސަރުކާރުން ދީފައިވާ ކަމަށްބުނެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާޠިލްކޮށްފައިވާއިރު އެ ރަށުގެ މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައެވެ.