ޚަބަރު

ފުށިދިއްގާއަށް ފުލުހުން އެރީ ހުއްދަ ނެތް ފަރާތަކުން ފަތުރުވެރިންނަށް ޚިދުމަތްދޭތީ


އދ.ފުށިދިއްގާއަށް ފުލުހުން މިއަދު އެރީ ޤާނޫނާއި ޤަވާއިދާ ހިލާފަށް އެރަށުގައި ޓޫރިސްޓުނަށް ހިދުމަތްދެމުންދާތީ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފުށިދިއްގާގައި ޓޫރިސްޓް ހިދުމަތް ދެމުންދިޔައީ މުޙައްމަދު ހަލީލް ކިޔާ މީހެއް ކަމަށާއި އެހެންނަމަވެސް އެރަށަކީ އެއްވެސް މީހަކަށް ދޫކޮށްފައިވާ ރަށެއް ނޫން ކަމަށެވެ. މުޙައްމަދު ހަލީލަށް ފުށިދިއްގާ ގައި ރިސޯޓެއް ހެދުމަށް ހުއްދަދޭން 2011 ވަނަ އަހަރު ނިންމި ނަމަވެސް އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިނުވާތީ އޭނާ ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އޭނާ އާ އެއްކޮޅަށް ނިމުނެވެ.

ނަމަވެސް އެރަށް އޭނާއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ސަރުކާރަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާޠިލްކޮށްފައިވާއިރު ހައިކޯޓުގެ އެ ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކުރިއެވެ. މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ އެރަށުގައި ހަލީލް ޓޫރިސްޓް ހިދުމަތް ދެމުން ގެންދާ ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުނަށް އެކަން އަންގައި އެކަން ތަހްގީގުކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއާއި ފުލުހުންގެ ޓީމެއް އެރަށް ގޮސްފައިވާ ކަމަށާއި މިހާރު އެރަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމް އެރަށަށް ދިޔައިރު އެރަށުގައި ތިބީ ހަމަ އެކަނި މުވައްޒަފުންގެ ގޮތުގައި ގެންގުޅޭ ދެ ބިދޭސީން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެކަކުގެ ވޯކްޕާމެޓް ނެތްއިރު ދެން ހުރި މީހާއަކީ ފިލައިގެން އުޅޭ މީހެއް ކަންވެސް މިނިސްޓަރު ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެރަށުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރި މުދާ އެރަށުން ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

އެރަށް ކުއްޔަށް ދިން މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެރަށް ކުއްޔަށް ދިނުމަށް ދެ ކުންފުންޏެއްގެ އަތުލުން ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ފައިސާ ނަގާފައިވާތީ އެ މައްސަލަ ސަރުކާރުން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އެރަށުގައި ރިސޯޓެއް އެޅުމަށް ކުއްޔަށް ދޭނެ ކަމަށްބުނެ އެމް.އެޗް.އެމް ކުންފުންޏާއި މޯލްޑިވިއަނާ އިން ފައިސާ ނަގާފައިވެއެވެ. މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ އެ ދެ ކުންފުނިންވެސް ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު ސަރުކާރުން މަސައްކަތްކުރާނީ ޑިސްޕިއުޓް ކޮމެޓީ މެދުވެރިކޮށް ދައުލަތައް ގެއްލުން ނުވާނެ ގޮތުގެ މަތިން ބަދަލު ދެވޭތޯ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެރަށް ކުއްޔަށް ދިނުމުގެ ނަމުގައި ފައިސާ ނަގާފައިވާ ކުންފުންޏެއްގެ ބަޔަކު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.

ހުއްދަ ނެތި ރަށެއްގައި ޓޫރިސްޓުންނަށް ޚިދުމަތްދީ ވިޔަފާރީ ހިންގި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ވިދާޅުވެފައެވެ. އަދި މައްސަލައާ ގުޅޭ ލިޔެލިޔުންތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.