ސަގާފީ ތަރިކަކަމަށް ބެލެވޭ ތަންތަން ކޮނުމާއި އެފަދަ ތަންތަން ހޯދުމުގެ މަސައްކަތްކުރުމުގެ ކުރިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ހުއްދައާއި އިރުޝާދު ހޯދުމަށް އެމަރުކަޒުން އިލްތިމާސްކުރައްވައިފިއެވެ.
ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ޢާއްމުކުރެއްވި ސަރކިއުލާއެއްގައިވަނީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފުނުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސަގާފީ ތަންތަން ކޮނުމާއި އެފަދަ ތަނެއް ހޯދުމުގެ މަގުސަދުގައި ތަނެއް ކޮނެ ބަލާނަމަ، ހުއްދަ ހޯދައި އެކަންކުރާނެ ގޮތުގެ ސައިންޓިފިކް ހަމަތަކުގެ މަތިން ނޫނީ އެފަދަ ކަމެއް ނުކުރުމަށް އެމަރުކަޒުންވަނީ އިލްތިމާސްކޮށްފައެވެ. އެއާ ޚިލާފަށް މިފަދަ ކަންކަން ކުރާ ފަރާތްތަކުން އެކުރަނީ ޤާނޫނީ ކުށެއްކަމަށްވެސް އެ ސަރކިއުލާގައިވަނީ ބަޔާންކޮށްފައެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން އެކުލަވާލާފައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނެރެފައިވާ ސަރކިއުލާގައިވަނީ ފަހަކަށް އައިސް މިފަދަ ގޮތަކަށް ތަރިކައާއި ސަގާފީ ތަންތަން ހޯދުމުގެ މަސައްކަތް ހުއްދަ ނުހޯދާ ބައެއް ރަށްރަށުގައި ކުރިއަށް ގެންދާކަން އެމަރުކަޒަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން އެފަދަ ޢަމަލުތައް ހުއްޓާލުމަށް އެމަރުކަޒުންވަނީ އިލްތިމާސްކުރައްވާފައެވެ. އެހެންނޫންނަމަ ތަރިކައާއި ސަގާފަތް ހިމެނޭ ތަންތަން އެއްކޮށް ހަލާކުވުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް އެމަރުކަޒުން ނެރެފައިވާ ސަރކިއުލާގައި ވަނީ ބަޔާންކޮށްފައެވެ.