ދައުލަތުން ކުރިއަށްގެންދާ މަޝްރޫޢުތައް ވާދަވެރި ބީލަމެއްގެ ތެރެއިން ޕްރޮކިއުމަންޓް އުޞޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ، ބިޑްކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫޢުތައް އެކި ފަރާތްތަކަށް ޙަވާލުކުރުމަކީ، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެދާނެ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވެދާނެ ކަމެއްކަމަށެވެ. އަދި، އެކަމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދުގެ ރޫޙާ ޚިލާފަށްކުރާ، ކޮރަޕްޝަންގެ ހިރާސްއޮތް ކަމަކަށްވާތީ، އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މަޝްރޫޢުތައް ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށްފެންނަ، ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުޞޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދުވަނީ އިލްތިމާސްކުރައްވާފައެވެ.
އޭސީސީން މިހެން ވިދާޅުވެފައިމިވަނީ، މާލޭ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބިންހިއްކުމާއި ތޮށިލުމަށް ބިޑަކާ ނުލައި 53 މިލިޔަން ޑޮލަރަށް ސަރުކާރުން ބޮސްކާލިސް ކުންފުންޏާ ޙަވާލުކުރުމާއި ގުޅިގެން އެކަމުގެ ފާޑުކިއުންތަކެއް އަމާޒްވެފައިވާ ދަނޑިވަޅެއްގައެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބިޑު ކުރުމަކާ ނުލައި މި މަޝްރޫޢު ކުންފުންޏަކާ ހަވާލުކުރީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް އަވަހައް ނިންމުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަދަ ބޮޑު މަޝްރޫއެއް ހިންގުމުގެ ޤާބިލުކަން މިފަދަ މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނި އެެމްޓީސީސީގައި މިވަގުތު ނެތްކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހްވެސް ވަނީ މަހާޖައްރާފު ބޭނުންކޮށްގެން 180 ދުވަހުގެތެރޭގައި 6 މިލިއަން ކިއުބިކް މީޓަރުގެ ބިންނުހިއްކޭނެ ޤާބިލުކަން ނެތްކަމަށް ވިދާޅުވެފައެވެ.
ބިޑުކުރުމަކާއި ނުލައި، ޑައިރެކްޓް ނެގޯސިއޭޝަންގެ ތެރެއިން މަޝްރޫޢުތައް ހަވާލުކުރުމުގެ އިޚްތިޔާރު މާލިއްޔަތު ޤަވާއިދުގެ ދަށުން ލިބިދީފައިވާއިރު، މަޝްރޫޢުތައް ހަވާލުކުރުމުގެ ކުރިން މިގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކޮށް ހަރުދަނާ އުސޫލެއްގެ ދަށުން ބެލޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.