ޚަބަރު

މަހާޖައްރާފު ބޭނުންކޮށްގެން 180 ދުވަހުގެތެރޭގައި 6 މިލިއަން ކިއުބިކް މީޓަރުގެ ބިންނުހިއްކޭނެ - ޝާހް


އެމްޓީސީސީން ބިންހުކުމުގެ މަސައްކަތްކުރުމަށް ގަނެފައިވާ މަހާޖައްރާފު ބޭނުންކޮށްގެން 180 ދުވަހުގެތެރޭގައި 6 މިލިއަން ކިއުބިކް މީޓަރުގެ ބިންނުހިއްކޭނެ ކަމަށް އެކުންފުނީގެ ސީއީއޯ ޙަސަން ޝާހް ވިދާޅުވެއްޖެއެވެ.

ގުޅިފަޅުގެ ބިންހިއްކުން އެމްޓީސީސީއާ ހަވާލުކުރުމުގެ ބަދަލުގައި ބޭރުގެ ކުންފުންޏާކާއި ހަވާލުކުރުމާއި ގުޅިގެން އެކަމުގެ ފާޑުކިއުންތަކެއް ސޯޝަލް މީޑިއާގައި ބޮޑުވެފައިވަނިކޮށް، ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، އެކުންފިނީގައި އޮތް ހޮޕަރ ޑްރެޖަރ ނުވަތަ މަހާޖައްރާފަށް މިހާތަނަށްވެސް އެންމެ ގިނައިން ދުވާލަކަށް ޑްރެޖް ކުރެވިފައިހުރީ ބާރަ ނުވަތަ ތޭރަހާސް ކިއުބިކް މީޓަރު ކަމަށެވެ. އެހެންކަމުން 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި 6 މިލިޔަން ކިއުބިކު މީޓަރުގެ ބިންހިއްކުމަކީ އެކުންފުންނަށް ކުރެވޭނެކަމެއް ނޫންކަމަށާއި، އެކުންފުނިން އެ މަސައްކަތް ކުރާނަމަ 18 ވަރަކަށް މަސްދުވަސް އެކަމަށް ހޭދަވާނެކަމަށް ޝާހް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް 180 ދުވަސްތެރޭގައި ހަ މިލިއަން ސީބީއެމް އެއް އަޅުގަނޑުމެންގެ މިމަހާޖައްރާފުން ކުރަންޏާ ގާތްގަނޑަކަށް ފައްސަތޭކަ ނުވަތަ 600 ވަރަކަށް ދުވަސް ނަގާނެ. އެހެންވީމަ އަޅުގަނޑުމެންނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި 9 މިލިޔަން ސީބީއެމްއެއް އެމްޓީސީސީގައި މިއޮތް މަހާޖައްރާފަކުން ނުއެއްކުރެވޭނެ" ޙަސަން ޝާހް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާއި ހަވާލުކުރީ މާލޭ ކޮމާޝަލް ޕޯޓް، ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މާޗް މަހު ފަށަން ތައްޔާރުވާއިރު، އެމުއްދަތުގެ ތެރޭގައި ބޮސްކާލިސްއަށް އެމަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން އޮތުމުންކަމަށެވެ. އަދި މިމަސައްކަތް އެމް.ޓީ.ސީސީއާ ހަވާލުކުރުމުގެ ބަދަލުގައި ބޮސްކާލިސްއާ ހަވާލުކުރީ ދާދިފަހުން ޕްލޭނިންގ މިނިސްޓްރީން މާލެ އަތޮޅު ގުރައިދުއާއި މާފުށީގެ ބިން ހިއްކަން އެކުންފުންޏާއި ހަވާލުކޮށްފައިވުމާއި އެކުންފުނީގައި އެ މަޝްރޫޢު ކަނޑައަޅާފައިވާ މުއްދަތުގައި ނުނިމިދާނެތީކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ ގުރައިދުއާއި މާފުށީގެ ބިން ހިއްކުމަށް މިހާރު އެސަރަހައްދުގައި މަހާޖައްރާފު މޮބިލައިޒް ކޮށްފައިވާކަމަށެވެ.