ރަމަޟާންމަހަށް ޚާއްޞަކޮށްގެން ހިންގާ އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފުލުހުން ފަށައިފިއެވެ.މިއޮޕަރޭޝަންގައި އައްޑޫ ސިޓީގެ އެކި ސަރަޙައްދުތައް ވަކި ވަގުތުތަކެއްގައި ޚާއްޞަ އިސްކަމެއް ދީގެން ބެލެހެއްޓުމާއި ވައްކަން ކުރުން މަދުކުރުމަށް ވަކި ވަގުތު ތަކެއްގައި ވިޔަފާރިތަކާ ގޯތިގެދޮރާއި އޮފީސްފަދަ ތަންތަން ބެލެހެއްޓުން ހިމެނެއެވެ.އައްޑޫ ސިޓީގައި ހިންގާ މިއޮޕަރޭޝަންގައި އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާ ރައްކާތެރި ކަމަށް އިސްކަންދީގެން ވަކި މަސައްކަތް ތަކެއް ކުރެވޭނެ ކަމަށާއި، މިގޮތުން ޢާއްމު ދަތުރުފަތުރު މަގުތަކުގެ ތެރެއިން ކާރޫބާރު ބޮޑުވާ މަގުތަކުގައި އެއްގަމު އުޅަނދުފަހަރާއި ހިނގާ ބިނގާވާ މީހުން ގިނަ ވަގުތުތަކަށް އިސްކަންދީގެން މަގުމަތި ބެލެހެއްޓުމަށްވެސް މިއޮޕަރޭޝަންގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.އައްޑޫ ސިޓީގައި މިއޮޕަރޭޝަން ކުރިޔަށް ގެންދާއިރު ބައެއް ވަގުތުތަކުގައި މަގުމަތީގައި ވީސީޕީޖަހައި އެއްގަމު އުޅަނދުތައް ބަލައި ފާސްކުރުމާއި ރޭގަނޑުގެ ވަގުތުތަކުގައި ކަމެއްނެތި މަގުމަތީގައި އުޅޭ ފަރާތްތަކާ ސުވާލުކޮށް ބަލައި ފާސްކުރަން ޖެހޭ މީހުން ބަލައި ފާސްކުރުމުގެ އިތުރަށް އަދި ތުހުމަތު ކުރެވޭ ބައެއް ތަންތަންވެސް ބަލައި ފާސްކުރުންވެސް މިއޮޕަރޭޝަނުގައި ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރަށް ހުޅުމަލޭގައާއި ފުވައްމުލަކުގައިވެސް ކުށްމަދުކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.