ޚަބަރު

މަރު ކޮމިޝަނުން ހޯދަމުންދިޔަ އިރުފާނު ފެނިއްޖެ


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ހޯދަން އިޢުލާންކުރި މ.ކުރިރުއްގެ، އިރުފާން ރުޝްދީ ފެނިއްޖެއެވެ.

ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނިކޮށް އިރުފާނު ފެނުނީ ރޭ ގދ.ތިނަދޫ އިންނެވެ.

ފުލުހުން ވިދާޅުވީ އިރުފާން ހައްޔަރުކުރުމުގެ ކުރިން އޭނާ އާއި އިތުރު 3 މީހަކު ދަތުރުކުރަމުން ދިޔަ ލޯންޗް ތެޔޮ ހުސްވެގެން ގދ.ތިނަދޫއާ ކައިރި، ކަނޑުމަތީ ހުއްޓިފައި އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭދަންވަރު އެމްއެންޑީއެފްގެ ފަރާތުން ކަމަށެވެ. އަދި އެލޯންޗު ރޭގެ ފަތިހު 4:22 ހާއިރު ތިނަދުއަށް ގެންގޮސްފައިވާކަމަށާ، އޭގައި ޝައްކުކުރެވޭ ބައެއް ކަންކަން ހުރުމުން އެލޯންޗުން ދަތުރުކުރި 4 މީހުން ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހުންގެ ތެރޭގައި މަރުކޮމިޝަނުން ހޯދަމުންދާ އިރުފާނު ހުރިކަން އެނގުނުކަމަށާއި އެވަގުތުން ފެށިގެން އޭނާހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެެސް ފުލުހުން ވިދާޅުވިއެވެ. އިރުފާނާއެކު ދެންތިބި ތިންމީހުންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މަރުތައް ބަލާ ކޮމިޝަނުން އިރުފާން ރުޝްދީ ހޯދަން ޢިއުލާންކޮށްފައިވަނީ 3 ޖޫން 2016 ގައި ހިނގި މާރާމާރީއެއްގައި މަރާލި ޢުމުރުން 14 އަހަރުގެ ފާތިރު މުޙައްމަދު ޢަލީގެ މަރުގެ މައްސަލައިގައިކަމަށް މަޢުލޫމާތުލިބެއެވެ. ފާތިރުގެ މަރުގެ މައްސަލައިގައި އިރުފާން ރުޝްދީ ހޯދުމަށް 2016ވަނަ އަހަރު ފުލުހުންވެސް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް މިހާތަނަށް އޭނާއާގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުންނަށްވެސް ލިބިފައިނުވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލައަކާ ގުޅިގެން މިއަހަރު ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުވެސް ވަނީ ވީޑިއޯ ޢާންމުކޮށް މީހަކު ހޯދުމަށް ވަނީއިޢުލާންކޮށްފައެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އެކޮމިޝަމިޝަނުން ގެންދަނީ ފުލުހުންނާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އެކޮމިޝަނުގެ ބޭނުމަށް މާލެއާއި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ބައެއް ތަންތަން ބަލާ ފާސްކޮށްފައިވެއެވެ.