ޚަބަރު

ރާއްޖޭގައި ހުންނަވާ އިނގިރޭސި ފުރަތަމަ ސަފީރު، ފަތްކޮޅު ރައީސަށް


ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވި ފުރަތަމަ ސަފީރު، ކެރަން ރޮހްސްލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސި އާ ސަފީރާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެކި ދާއިރާތަކުން ރާއްޖެއަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޤާއިމްވެ ހުންނަވާގޮތަށް އިނގިރޭސި ވިލާތުން ސަފީރަކު ކަނޑައެޅުމުން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ލާބަ އާއި މަންފާ އިތުރުވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި އިނގިރޭސި އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިނގިރޭސިވިލާތުގެ ސަފީރަކު ޤާއިމުވެ ހުންނެވުމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި މިހާރު ގާއިމު ކުރެވިފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވާ ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވިއެވެ.