އާސަންދަ ކުންފުންޏަށް ހުށައަޅާ ބީލަންތަކުގެ މަޢުލޫމާތު އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މި އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އާސަންދައިން ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި ޚާއްޞަ ޕޯޓަލްއެއް ޤާއިމްކޮށްފައެވެ.
އާސަންދަ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރް މަރިޔަމް ޝަފީގާއެވެ. މިއީ ސަރުކާރުގެ ޒީރޯ-ޓޮލަރެންސް ސިޔާސަތުގެ ދަށުން، ދެފުށްފެންނަގޮތައް ބީލަމުގެ މަސައްކަތްތައް ކުރިޔައް ގެންދިޔުމަށް އިފްތިތާޙް ކުރި ޕޯޓަލްއެކެވެ. މި
އޯޕަން ޕްރޮކިއުމަންޓް ލޯންޗް ކުރުމަށް ނިންމާފައިވަނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުކަމަށް އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ މި މަސައްކަތުގެ ދަށުން ފުރަތަމަ މަރުހަލާގައި ބޮޑެތި ޕްރޮޖެކްޓްތަކުގެ ޓެންޑަރސް ދެފުއްފެންނަގޮތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިއަދަށްފަހު ފަންސަވީސް ހާސް ރުފިޔާއަށްވުރެ މަތީގެ އަގުތަކުގެ ތަކެތި ގަތުމަށް ކުރާ ޓެންޑަރ އިޢުލާނުތަކުގެ ހުރިހާ މަޢުލޫމާތެއް މި ޕޯޓަލްގެ ތެރެއިން ފެންނާނެކަމަށް އާސަންދައިން ބުނެއެވެ. މީގެ ތެރޭގައި ބިޑް ސަބްމިޓް ކުރާ މީހުންގެ މައުލޫމާތާއި، އިވެލުއޭޝަން ޝީޓާއި އަދި ޓެންޑަރ އެވޯޑް ކުރިކަމުގެ ލިޔުމާ މުޅި ޓެންޑަރ ޕްރޮސެސްގެ ހުރިހާ މައުލޫމާތެއް، ވެބްސައިޓުން ފެންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މި ޕޯޓަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ކުންފުނިން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި އެ ކުންފުނީގެ ތެރޭގައި މިދިޔަ އަހަރުުތަކުގައި ގޮތް ނޭނގޭ ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކެއްވެސް ހުރިކަން ފާހަގަކުރައްވާ އެ ޕްރޮޖެކްޓުތައް އެހެން ހުރުމުގެ ސަބަބުން އެ ކުންފުނިން ކޮންމެ ދުވަހަކު ކުރަން ޖެހޭ މަސައްކަތްތަކަށް ލަސްވެ ބުރޫ އަރާފައިވާ ކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އާސަންދައިން އޯޕަން ބިޑިން ކުރިއަށްގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ދެވަނަ މަރުހަލާގައި ހުރިހާ ވެންޑަރސް ވެބްސައިޓް މެދުވެރިކޮ ރަޖިސްޓްރީވާން ހުޅުވާލާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ދެވަނަ މަރުހާލާ ނިމޭއިރު ޕްރޮކިއުމަންޓްގެ އެންމެ ކުދި މުއާމަލާތްތަކުގެ މައުލޫމާތުވެސް ވެބްސައިޓަށް އަޕްލޯޑް ކުރާނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.