ޚަބަރު

ސައިކަލު ޕާކުކުރާއިރު ހުންގާނު ތަޅުލާ، ވަގަށް ނަގާ މިންވަރު އިތުރު


މާލެ ހިމެނޭ ސަރަހައްދުން މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނަގާފައިވާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ސައިކަލް ވަގަށް ނަގައިގެން ހުށައެޅޭ މައްސަލަތައް އިތުވަމުންދާތީ ފުލުހުން ކުރިޔަށް ގެންދިޔަ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 401 ސައިކަލް ގެއްލިގެން އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 264 ސައިކަލެވެ. ގެއްލިގެން ހުށައަޅާފައިވާ ސައިކަލްތަކުގެ ޖުމްލަ އަގު 21,796,400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރާކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.

ސައިކަލު ވަގަށް ނަގައިގެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ކުރި ސާވޭއަކުން ދައްކާގޮތުން %38 މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި %90 މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓަރލޮކް ކުރޭތޯ ބެލިބެލުމުން %35 މީހުން މިކަންކަމަށް ސަމާލުކަން ދީފައިނުވާކަންވެސް ފުލުހުންގެ ސާވޭއިން ދައްކައެވެ. ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަންވެސް ފާހަގަ ކުރެވިފައިވެއެވެ.

" ހަގީގަތުގައިވެސް މިއީ ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އެހެންކަމުން އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ވައްކަން ކުރާ ފަރާތްތަކުގެ ކިބައިން ތިމާގެ އުޅަނދު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުމަށާއި، ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދެއްވާށެވެ. އަދި ޝަޓަރ ލޮކް ބޭނުންކުރައްވާށެވެ. އަދި ހަމަ އެހެންމެ ތަޅުދަނޑިއަށް ރައްކާތެރިވާށެވެ. ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ނެގުނުތޯ ޔަގީންކޮށްލައްވާ " ފުލުހުން ސާވޭގެ ނަތީޖާގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ހެދުމަށް ސަމާލުކަން ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގެއްލިގެން ހުށައަޅާފައިވާ ސައިކަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ވަގަށް ނަގާފައިވަނީ ވޭވެ 125 އެސް ސީރީޒްގެ ސައިކަލްތަކެވެ. މި ސިރީޒްގެ 72 ސައިކަލް ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވަގަށް ނަގާފައިވެއެވެ މީގެއިތުރުން ވޭވްގެ އެހެން ސީރިޒުތަކާއި ޖީއެން ސައިކަލްވެސް ވަގަށް ނަގާ މިންވަރު އިތުރުކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.