ޚަބަރު

މިފްކޯގެ ތެރޭގައިވެސް ސިހުން ގެނުވާފަދަ ބޮޑެތި ޚިޔާނާތް


ސަރުކާރުގެ މަސްކުންފުންޏަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުން މިހާތަނަށް ވެފައިވާއިރު މިއީ އެތައް ބައެއްގެ އިހުމާލެވެ. މިފްކޯގެ މައްސަލަތައް ޙައްލުކުރުމަށް ފާއިތުވި ތަނުގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތްނަމަވެސް އެކުންފުނި އަލުން ކޮޅަށް ޖެހުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް މިހާރުގެ މިފްކޯގެ ވެރިންވަނީ މަސައްކަތް ފަށާފައެވެ.

ޚިޔާނާތަށް ފަހު އުފެއްދި މިފްކޯ

ރާއްޖެއިން ބޭރަށް މަސް ފޮނުވުމަށް ސަރުކާރުން 1990ގެ ކުރީކޮޅު އުފެއްދެވި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ޚިޔާނާތަށްފަހު ސަރުކާރުން މަސް ބޭރުކުރުމަށް 1993 ވަނަ އަހަރު އަލުންވަނީ ކުންފުންޏެއް އުފައްދާފައެވެ. އެއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އެވެ.

ފާއިތުވި 26 އަހަރުތެރޭގައި މިފްކޯއަށް ސަރުކާރުގެ ހިޔަލުން ނެއްޓި ހިންދެމިލެވޭވަރެއް ނުވެއެވެ. މިފްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްވެރި އުޅަނދުތަކުގެ ސައިޒު ބޮޑުވެ މަސްބާނާ މިންވަރު އިތުރުވިއިރުވެސް އެ ކުންފުނީގެ މަސް ރައްކާކުރުމާއި މަސް ބަންދުކުރުމުގެ ކެޕޭސިޓީ އިތުރު ކުރެވިފައި ނެތުމުގެ މައްސަލައެވެ. އެކި ވެރިންގެ ދަށުގައި މިފްކޯ އަށް އެތައް ގެއްލުންތަކާއި ދަރަނިތައް ބޮޑުވަމުން އައިސް ރައީސް ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރު މިފްކޯ ބަނގުރޫޓުވުމުގެ ބިރާއެކު އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ވަނީ ހަމަޖައްސާފައެވެ.

މިދިޔަ 3 އަހަރު މިފްކޯގެ ޙާލަތު

މިފްކޯ ހިންގުމަށް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ނިންމާ ކުންފުނި ހިންގުމާ ޙަވާލުވެވަޑައިގަތް އެސްޓީއޯގެ އޭރުގެ އެމްޑީ އަޙްމަދު ޝަހީރު 2017 ވަނަ އަހަރު ވިދާޅުވީ މިފްކޯއިން ހުރިހާ ދަރަނި ދައްކާ ފައިދާ ވާ ކުންފުންޏަކަށް ހަދާފައިވާކަމަށެވެ. އޭގެ ފަހުން 2 އަހަރު ވެގެންދާއިރު މަންޒަރު އަދިވެސް އޮތީ އޮތް ގޮތަށެވެ.

އޭރު ދައްކަން ޖެހޭކަމަށް އެސްޓީއޯއިން ހާމަކޮށްފައިވަނީ 338 މިލިއަން ޑޮލަރުގެ ދަރަންޏެކެވެ. އޭގެ 2 އަހަރު ފަހުން މިހާރު އެސްޓީއޯގެ އެމްޑީ އަދި މިފްކޯގެ ޗެއަރމަން ޙުސެއިން އަމްރު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ 2017 އެސްޓީއޯއިން މިފްކޯއާއި ޙަވާލުވިފަހުން މިހާތަނަށް އެކުންފުނީގެ ދަރަނި 800 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. ދަރަނި ކުޑަކޮށް މިފްކޯ ބަނގުރޫޓުވިޔަ ނުދިނުމަށް އެސްޓީއޯއިންވަނީ ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 450 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުންޏަށް ދޫކޮށްފައެވެ. އަދި މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސީދާ 200 މިލިއަން ރުފިޔާ މިފްކޯއަށްވަނީ ދޫކޮށްފައެވެ.

ދަރަނިން ސަލާމަތްވެ ހިންދެމިލެވޭވަރުގެ ކުންފުންޏަކަށް މިފްކޯ ގެ މިހާރުގެ ޙާލަތު ހުރިގޮތުން ނުހެދޭނެކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކި ޕްލެޓްފޯމުތަކުގައި އަމްރުވަނީ ސަބަބުވެސް ހާމަކުރައްވާފައެވެ. އެއީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވަމުން ދާއިރުވެސް މަސްވެރިންގެ އަތުން މިފްކޯއަށް ގެއްލުމުގައި މަސްގަންނަންޖެހުމުގެ ބޯދާ ސިޔާސަތުކަމަށް އަމްރު ވިދާޅުވެއެވެ. އަދި ފައިދާ ނުވާއިރުވެސް ތައިލެންޑުގެ ބާޒާރަށް ދިވެހި މަސް ނުއަގުގައި ވިއްކުމުގެ ވިސްނުމެވެ. މިފްކޯގެ މި ވިސްނުމާއި މިސިޔާސަތާއެކު މިފްކޯ ކަފުޖަހައިގެން ދިޔުމުގެ ޒިންމާ ސަރުކާރުން ހަވާލުކޮށްފައިވާ އެސްޓީއޯވެސް ފެތޭނެކަމުގެ ބިރު އެސްޓީއޯއަށްވެސް އެބައޮތެވެ. އެހެންކަމުން މިސިޔާސަތު ބަދަލުކޮށް މިފްކޯ ކޮޅަށް ޖެހުމުގެ މަސައްކަތްކުރުމަށް ފާއިތުވި އަހަރެއްހާ ދުވަސްތެރޭ މިހާރުގެ އެމްޑީ ޙުސައިން އަމްރުވަނީ މަސައްކަތް ފަށާފައެވެ.

ރާއްޖެއިން ބޭރަށް މަސް ވިއްކުމުގައިވެސް އޮޅުވާލުން

މިފްކޯއިން ބިލިއަނަކަށްވުރެ ބޮޑު ގެއްލުމެއް މިހާތަނަށް ދިވެހި ދައުލަތަށްވެފައިވާއިރު މިހާތަނަށް މިވިޔަފާރި ހުއްޓުވުމަށް ފާއިތުވި ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވަނީ ކީއްވެތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. ގެއްލުމުގައި މިފަދަ ކަމެއް ކުރިއަށް ގެންދާނީ ކޮންމެވެސް ބަޔަކަށް އޭގެ މަންފާތަކެއް ލިބޭތީއެވެ.

މިފްކޯއިން ތައިލެންޑަށް ބޭރުކުރާ ފިނިކުރި މަހުގެ ޓަނެއް ބޭރުކުރުމަށް 1800 ޑޮލަރު ހޭދަވާއިރު ތައިލެންޑުގެ މާކެޓުގައި ފިނިކުރި މަސްޓަނެއްގެ އަގަކީ 900 ޑޮލަރެވެ. އެހެންކަމަށްވާނަމަ ފާއިތުވި އެތައް އަހަރެއްގައި މި ރޭޓުގައި މިފްކޯއިން މަސް ތައިލެންޑުގެ ބާޒާރަށް ވިއްކަމުން އައީ ކީއްވެގެންކަން މިފްކޯގެ އޭރުގެ ވެރިން ހާމަކުރަންޖެހެއެވެ. ފާއިތުވި 5 ވަރަކަށް އަހަރު ދައުލަތުން އެތައް މިލިއަން ޑޮލަރެއް ގެއްލުމުގެ މިވިޔަފާރި ދެމެހެއްޓުމަށް ޚަރަދުކުރެއްވީ ކީއްވެގެންކަންވެސް އެގެންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ އެމްޑީ ޙުސެއިން ޢަމްރު މި ޖަރީމާ ސިފަކުރައްވާފައިވަނީ ދިވެހި ސަރުކާރުން ތައިލެންޑުގެ މަސްކުންފުނިތަކަށް ސަބްސިޑީ ދިނުންފަދަ ކަމެއްގެ ގޮތުގައެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މި ވިޔަފާރީގެ ތެރޭގައި ހިނގަފައިވާކަމަށް މިހާރުގެ އެސްޓީއޯގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ހާމަކުރައްވާފައިވާއިރު މިއީ ބެލެންޖެހޭނެ ފަދަ ޖަރީމާތަކެއްކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ތައިލެންޑުގެ ބާޒާރަށް އެކްސްޕޯޓުކުރާ މަހުގެ ކޮލިޓީ ދަށްކަމަށް ބުނެ "ރިޖެކްޓް"ވާ ބައިން އޮޅުވާލާއިގެން ނުއަގުގައި މަސްވިއްކާފައިވުމާއި، މިފްކޯގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން ތައިލެންޑުގައި މަހުގެ ވިޔަފާރި އަމިއްލަ ނަމުގައި ކުރަމުންދާއިރު މިވިޔަފާރިތަކުން ނުއަގުގައި ދިވެހި މަސް ގަނެ ތައިލެންޑުގެ ބާޒާރަށް ވިއްކަމުންދާކަން ވަނީ ހާމަވެފައެވެ.

މިފަދަ ބޮޑެތި ޖަރީމާތައް އެތައް އަހަރެއްވަންދެން ހިންގާފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވީ ފަރާތްތައް ޢާއްމުވެސްކުރަންޖެހެއެވެ.

މިފްކޯ ފެތުނަނުދީ ސަލާމަތްކުރަން ކުރާ މަސައްކަތް

މިފްކޯއިން ހިންގަމުން އައި ޖަރީމާތައް ހުއްޓުވާ އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިހާރު ތައިލެންޑުގެ ބާޒާރަށް މަސްވިއްކުން ހުއްޓުވާ އަންނަ ޖެނުވަރީ މަހުން ފެށިގެން ރާއްޖެއިން އެންމެ ކާމިޔާބު ކަމާއެކު ކުރާ ކަންނެލީގެ މަސްވެރިކަން ތަރައްޤީކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ކ.ކަނޑުއޮށްގިރީގައި މިހާރު ހުރި މައްސަލަތަކާއި ގޮންޖެހުންތަކާއެކުވެސް އޮޕަރޭޝަން ފަށާނެކަމަށް އެސްޓީއޯއިންވަނީ ހާމަކޮށްފައެވެ. މިފްކޯ ހިންގުމުގެ ބާރުވެރި ފަރާތް، އެސްޓީއޯއިން މިހެން ހާމަކޮށްފައިވާއިރު މިދާއިރާ ހަރުދަނާކޮށް ފައިދާ ހޯދާ ކުންފުންޏަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުންވެސް ވަނީ ދެއްވާފައެވެ.