ކަނޑު މަގުން ރާއްޖެއަށް އަންނަ ޕެސެންޖަރ ލައިނާތައް ޗެކްކުރެވޭނެ ހަރުދަނާ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން މާލޭ ސީޕޯޓުގައި ޤާއިމުކޮށްފިއެވެ.
މާލޭ ސީޕޯޓުގައި ޤާއިމުކުރި ބޯޑަރ ކޮންޓްރޯލް ޑިވައިސްގެ ސަބަބުން ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ފަރާތްތަކުގެ މައުލޫމާތު ވަގުތުންވަގުތަށް އަޕްޑޭޓް ކުރެވޭނެކަމަށް އިމިގްރެޝަނުން ވިދާޅުވެއެރވެ.
އިމިގްރޭޝަނުން ވިދާޅުވާގޮތުގައި މީގެ ސަބަބުން ޤަވާއިދާ ޚިލާފަށް އަންނަ ފަރާތްތަކާއި ކުށުގެ ރިކޯޑު އޮތުމުގެ ސަބަބުން ރާއްޖެ އެތެރެވުން މަނާ މީހުން ހިފެހެއްޓުމުގެ ޔަޤީންކަން އޮންނާނެކަމަށެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ޙަސަން ޚަލީލު ވިދާޅުވީ މީގެ ކުރިން މާލޭ ބަނދަރަށް އަންނަ ޕެސެންޖަރ ލައިނުން އަންނަ މީހުންގެ މަޢުލޫމާތު ސިސްޓަމަށް އަޅަންޖެހެނީ މެނުއަލީކަމަށާ، އޭގެ ސަބަބުން މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެފައި އޮންނަކަމަށެވެ.
އެހެންނަމަވެސް މި ސިސްޓަމާއެކު ސީޕޯޓުން ރާއްޖެއަށް އެތެރެވާ ފަރާތްތައް ކުރިއަށް ވުރެ ހަރުދަނާކަމާއެކު މޮނީޓަރ ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އިމިގްރޭޝަނަށް ތާރީޚީ ކާމިޔާބުގެ ދުވަހެއްކަމަށް އެއިދާރާއިން ފާހަގަކުރެއެވެ. އިމިގްރޭޝަނުން ވިދާޅުވީ މިފަދަ ފުރަތަމަ ޑިވައިސް މާލޭގެ ޕޯޓުގައި ޤާއިމުކުރިނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އިންޓަރނޭޝަނަލް ސީޕޯޓުތަކުގައި މޯބައިލް ބޯޑަރ ކޮންޓްރޯލް ޑިވައިސް ޤާއިމުކުރާނެކަމަށެވެ.
ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ހަރުދަނާކުރުމަށް ސަރުކާރުންވަނީ މިސިސްޓަމް އަޕްޑޭޓުވެސް ކޮށްފައި. އަދި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކަނޑާ ވައިގެ މަގުން އަންނަ މީހުން މޮނީޓަރކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.