ޚަބަރު

ކަކުލު ހުޅު ބަދަލުކުރުމުގެ ކާމިޔާބު، 100 ސަރޖަރީ


"އާސަންދަ" މެދުވެރިކޮށް ކަކުލުހުޅު ބަދަލުކުރުމުގެ ސްކީމްގެ ދަށުން ކުރި 100ވަނަ ސަރޖަރީ އައިޖީއެމްއެޗުގައި މިއަދުކޮށްފިއެވެ.

އާސަންދަ މެދުވެރިކޮށް ހިލޭ ކަކުލު ހުޅު ބަދަލުކުރުމަށް ކުރާ ސަރަޖރީ ރާއްޖޭގައި އަންނަނީ މިހާރު ކާމިޔާބުކަމާއެކު ކުރަމުންނެވެ. ކަކުލު ހުޅު ބަދަލުކުރުމަށް އައިޖީއެމްއެޗުގެ ކިޔުގައި ތިބި މީހުންގެ ޢަދަދު އިތުރުވެ އެކަމުގެ ޝަކުވާ އިތުރުވުމާގުޅިގެން ސަރުކާރުންވަނީ އެކަން ޙައްލުކުރުމަށް މަސައްކަތް ފަށާފައެވެ.

ކަކުލުހުޅު ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގައި ހުޅު ބަދަލުކުރުމަށް ކުރި 100ވަނަ ސަރޖަރީގައި ޙަރަކާތްތެރިވީ ރާއްޖޭގައި ތިބި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެކުންނެވެ. ސަރޖަރީގައި ޙަރަކާތްތެރިވި ޑޮކްޓަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވަނީ ބައްދަލުކުރައްވައި މަރުޙަބާ ވިދަޅުވެފައެވެ. އަދި ސަރޖަރީކުރި މީހުންގެ ޙާލުވެސް އެމަނިކުފާނުވަނީ ބައްލަވާލައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އައިޖީއެމް ހޮސްޕިޓަލާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުންވެސް އަންނަނީ މިހާރު ކަކުލުހުޅު ބަދަލު ކުރުމުގެ ސަރޖަރީތައް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަމުން އަންނަނީ މުޅިން ހިލެއެވެ.

ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި 100 ސަރޖަރީ ކޮށްފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ. ހުޅުބަދަލުކުރުމަށް ކުރިއަށް ގެންދިޔަ 100ވަނަ ސަރޖަރީ ކުރިއަށް ގެންދެވީ އައިޖީއެމް ހޮސްޕިޓަލުގެ ކަށީގެ ޚާއްސަ 2 ޑޮކްޓަރުންކަމަށްވާ ޑރ.ޙުސައިން ފައިސޞަލާއި ޑރ.އިސްމާޢީލް ޒާހިރެވެ. މިސަރޖަރީތަކާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިދެ ޑޮކްޓަރުންވެސްވަނީ ކަކުލުހުޅު ބަދަލުކުރުމަށް ރާއްޖޭގައި މިހާރު ކުރަނީ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެއްކަން ފާހަގަކުރައްވާފައެވެ.

އައިޖީއެމް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރިމީހަކު ބުނީ މި އޮޕަރޭޝަން ކުރުމަށް ފަސް ނުޖެހި ޑޮކްޓަރުންގެ އިރުޝާދާއެކު އަވަހަށް ސަރޖަރީހެދުން މުހިންމުކަމަށެވެ.

ގިނަބަޔަކު ކުރަން ފަސްޖެހޭ މި އޮޕަރޭޝަން ވީ އެންމެއަވަހަކަށް ކުރުމަކީ ސަރޖަރީގެ ނުރައްކާ އެންމެ ކުޑަކުރެވޭނެ ގޮތްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކަކުލު ހުޅު ބަދަލުކުރުމަށް ކުރިން އޮތް ދިގުކިއު ކުޑަވެ، ކިޔުގައިތިބި ފަރާތްތަކުން ސަރޖަރީއަށް ހޮސްޕިޓަލަށް އައުމަށް އައިޖީއެމްއެޗުން އަންނަނީ ބަލި މީހުނަށް އަންގަމުންނެވެ.