ޚަބަރު

ބ. އައިދޫ ގައި ދަނޑުވެރިކަމުގެ ތަކެތި ވިއްކުން ރަސްމީކޮށް ފަށައިފި


ބ.އަތޮޅުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ އައިދޫގައި އެމަސައްކަތް ރަސްމީކޮށްފަށައިފިއެވެ. އެރަށުގައި ހެއްދި ތަކެތި ރަސްމީކޮށް ވިއްކުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާވަހީދުއެވެ.

ޒަމާނީ ގޮތަކަށް ފަރުމާކޮށްގެން ހުޅުވި މި ރަށުގައި ހައްދައިގެން މާކެޓްކުރާނެ މައިގަނޑު ބާވަތްތަކަކީ ސްވީޓް މެލޮންއެވެ. އެހެން ނަމަވެސް ކިއުކަމްބާ އާ ލެޓިއުސްވެސް މިރަށުގައި ހެއްދުމުގެ މަސައްކަތްކުރަމުން ދެއެވެ.

މިރަށް ފަރުމާކޮށްފައިވަނީ 4 ބަޔަކަށް ބަހާލައިގެން 2000 ގަސް އިންދޭ ގޮތަށެވެ. ރާޖޭގެ އެހެން ރަށްތަކާ ޚިލާފަށް މިރަށުގައި ބިމުގައި އެއްވެސް ބާވަތެއް ނުހައްދާނެއެވެ. އޮޓޯ ޕޮޓް ސިސްޓަމްގައި ހައްދާ މި ބާވަތްތައް މާކެޓް ކުރުމުގައި ދަތިތަކެއް ނެތްކަމަށް މިރަށާ ޙަވާލުވެފައިވާ މުޙައްމަދު ސައީދުބުނެއެވެ.

ސައީދު ބުނީ ފަޅުރަށެއް ނަގައިގެން ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ފެށީ އަތޮޅު ތެރޭގައި ތިބޭ ފަރާތްތަކަށް ވަޒީފާ އާ އަދި އަތޮޅުގެ ރަށްތަކުގައި ހަދާފައި ހުރި ގެސްޓްހައުސްތަކަށާ ރިސޯޓތްތަކަށް ބޭނުންވާ މޭވާ އާ ތަރުކާރީގެ ބާވަތްތައް ފަސޭހައިން ލިބޭނެ މަގު ފަހި ކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ.

މި ރަށުގައި މަސައްކަތް ކުރާ 80 އިންސައްތަ މީހުންނަކީ ބ.އަތޮޅު މާޅޮހު މީހުންނެވެ. މިރަށުގައި ދަނޑުވެރިކަން ކުރަނީ މެލޭޝިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ ކުންފުންޏެއްކަމަށްވާ އިރިކުއިޕް ގެ ލަފަޔާ އިރުޝާދުގެ ދަށުންނެވެ. މިރަށުގައި ދަނޑުވެރިކަން ކުރުމަށް މެލޭޝިއާގެ ދެމީހުން ހަރަކާތްތެރިވަމުންދެއެވެ.

2017 ވަނައަހަރު ތަރައްޤީކުރަންފެށި މި ރަށަށް ޖުމްލަ 6 މިލިއަނަށް ވުރެ ރުފިޔާވަނީ ހަރަދުކޮށްފައެވެ. އައިދޫގައި ހައްދާ ބާވަތްތައް ރައްކާކުރާނެ ޒަމާނީ ސްޓޯރޭޖް އަކާ، މެސިނަރީސް ތަކަށް ކަރަންޓް ދިނުމަށާ، ތިން ޖަނަރޭޓަރ ސެޓަޕްވަނީ ބަހައްޓާފައެވެ. އަދި ފެން އުފައްދުމަށް އާރުއޯ ޕްލާންޓްގެ ދެ ޕްލާންޓް ވަނީ ބަހައްޓާފައެވެ.
މީ ބ.އަތޮޅުގައި ދަނޑުވެރިކަން ކުރުމަށް ހުޅުވި ދެވަނަ ރަށެވެ. ބ.އަތޮޅުގައި މިމަސަައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަނެއްރަށަކީ ބ.އަންހެނުންފުއްޓެވެ.