2012ވަނަ އަހަރު ތަސްދީޤުކޮށް ޢަމަލުކުރަމުން އަންނަ ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާއްމު ސިއްހާތުގެ ދާއިރަ ހަރުދަނާކޮށް އެދާއިރާގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ޕަބްލިކް ހެލްތު ފަންޑެއް އެކުލަވާލަން ޤާނޫނު ލާޒިމުކުރެއެވެ. އެހެންނަމަވެސް 7 އަހަރު ދުވަސް ފާއިތުވެގެންދިޔައިރު މިފަންޑު އެކުލަވާލާފައެއް ނުވެއެވެ.
ޕެރަޑައިސް އައިލެންޑު ރިސޯޓުގައި 3 ދުވަހަށް ކުރިއަށްގެންދާ ޢާއްމު ސިއްޙަތު ހަރުދަނާކުރުމުގެ މަހާސިންތާގެ ތެރެއިން ޕަބްލިކް ހެލްތު ފަންޑު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ.
މިފަންޑާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިފަންޑަށް ބޭނުންވާ އެހީތައް ހޯއްދެވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ. އަދި މިނިސްޓަރ ވަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް މިފަންޑަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ޕަބްލިކް ހެލްތު ފަންޑާއި ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޢާއިޝަތު ސާމިޔާ ވިދާޅުވީ މިހާތަނަށް މިފަންޑު އެކުލަވާލާފައި ނުވިނަމަވެސް ސަރުކާރުން އަންނަނީ ޢާއްމު ސިއްޙަތުގެ ދާއިރާ ހަރުދަނާކުރުމަށް ބޮޑެތި ޚަރަދުތައް ކުރައްވަމުންކަމަށެވެ. ފަންޑާއެކު ޢާއްމު މިމަސައްކަތަށް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތާއި ޚަރަދު އުތުރުވެގެންދާނެކަމަށެވެ.
ޕަބްލިކް ހެލްތު ފަންޑެއް އެކުލަވާލުމަށް 2012ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނުގައި މިފަންޑު އެކުލަވާލައި ފަންޑަށް ފައިސާ ލިބޭނެ އުސޫލުތަކާއި ފަންޑު ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރާނެ ގޮތުގެ ތަފްސީލުވަނީ ބަޔާންކޮށްފައެވެ.