ހުޅުމާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ކޮމިއުނިޓީ ފޯރަމެއް ބާއްވައިފިއެވެ.
މިއީ ހުޅުމާލެ ނެއިބަހުޑު ދޭއްގައި ދިރިއުޅޭ ބައެއް ރައްޔިތުންނަށް އަމާޒުކޮށްގެން ހުޅުމާލެ ޕޮލިސް ނެއިބަހުޑް ސަޕޯޓް އޮފިސަރުން ކުރިޔަށްގެންދިޔަ ފޯރަމެކެވެ. އިއްޔެ ގާޒީ ސްކޫލްގައި ކުރިއަށް ގެންދިޔަ ފޯރަމްގައި ހުޅުމާލެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިސާކޮށް އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާއި ފަރުދީ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ފޯރަމުގައި ހުޅުމާލެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ އިތުރުން ހުޅުމާލެ ޕޮލިސްގެ ބައެއް ފުލުހުން ވަނީ ބައިވެރިވެފައިވެއެވެ.
ނެއިބަހުޑް ސަޕޯޓް އޮފިސަރުންނަކީ ވަކި ސަރަހައްދުތަކެއްގައި ހާއްސަ ވަކި އުސޫލުތަކެއްގެ ދަށުން ހުޅުމާލެ ނެއިބަހުޑު ދޭއްގެ ސަރަހައްދުގެ ކަންކަން ރައްޔިތުންނާ ވީހާވެސް ގާތުން ބަލައި މޮނިޓަރ ކުރުމަށް ތިބޭ ވަކި ރޭންކެއްގެ ފުލުހުންނެވެ.
އެ ސަރަހައްދުތައް ބެލެހެއްޓުމުގައި ނެއިބަހުޑް ސަޕޯޓް އޮފިސަރުންނަށް އެހީތެރިވުމަށް އެ އޮފިސަރުންގެ ބެލުމުގެ ދަށުން ފުލުހުން މަސައްކަތްކުރަމުންދެއެވެ.