އެމްއެމްޕީއާރުސީގެ ޚިޔަނާތާ ގުޅޭ އިތުރު ތަޙުގީގު އޮޑިޓެއް ހެދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ސިންގަޕޫރުގެ ޑިލޮއިޓް ކޮންސަލްޓެންސީ ފަރމަކާ ޙަވާލުކޮށްފިއެވެ.
ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އެމްއެމްޕީއާރުސީއާގުޅޭ ޚިޔާނާތުގެ މައްސަލާގައި އެބޭންކާއި މުޅި ޤައުމަށް އެންމެ ރަނގަޅު ގޮތަކީ މިނިވަން ފަރާތަކުން ތަޙުގީގު ހިންގުންކަމަށް ފެންނާތީ މިހާރު ސިންގަޕޫރުގެ ކުންފުންޏަކާއި އެމަސައްކަތް ޙަވާލުކޮށްފައިވާކަމަށެވެ.
އެގޮތުން ސިންގަޕޫރުގައި 150 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއިއެކު ޑިލޮއިޓް ކުންފުނިންގ ހިންގާ ތަޙުގީގަކީ ފޮރެންސިކް އޮޑިޓެއްކަމަށް ބޭންކުގެ ބަޔާނުގައި ވެއެވެ. އަދި މިތަޙުގީގުގައި އެމްއެމްޕީއާރުސީއާއި އެޚިޔާނާތުގައި ހިމެނޭ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއެކު ހިންގާފާއިވާ މުޢާމަލާތްތައް ބަލާނެކަމަށްވެސް ބޭންކުން ވިދާޅުވެއެވެ.
އެގޮތުން އެކުންފުނިތަކާއި ބޭންކާ ދެމެދު، ޗެކުން ކޮށްފައިވާ މުޢާމަލާތްތަކާ މިކަމާ ގުޅިގެން އިތުރަށް އެދުވަސްވަރު ހިންގާފައިވާ އެކި މުޢާމަލާތްތައް ބަލާނެކަމަށް ބޭންކުންވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން ބޭންކުގައި މިހާރު ހުރި އުސޫލުތަކާއި ޢަމަލުކުރަމުންދާ ގޮތްވެސް މުރާޖާކޮށް ބައިނަލްއަޤުވާމީ މިންގަނޑުގައި ހުރިކަން ކަށަވަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
މިހާތަނަށް އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ކުރި އެއްވެސް ތަޙުގީގެއްގައި ބޭންކުގެ އެއްވެސް އިހުމާލެއް ފާހަގަވެފައިނުވާކަމަށާ، ސިނގަޕޫރުގެ ކުންފުނިންގ ހަދާ މިއޮޑިޓަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ބޭންކުން ދޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ބޭންކުން ވިދާޅުވީ މިއީ ބޭންކް އޮފް މޯލްޑިވްސްގައި އަލަށް އެކުލަވާލި ބޯޑުން ބެންކަކީ އެންމެންގެ މެދުގައި އިތުބާރުހިފޭ ފަދަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެޅި މުހިއްމު ފިޔަވަޅެއްކަމަށެވެ. މިމަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ބޭންކުގައި ޚިދުމަތްދޭއިރު މެދުވެރިވާ ހިރާސްތައް ކުޑަކޮށް އުސޫލުތައްބެލުމަށް ޚާއްސަ މަގާމެއްގެ ގޮތުން ޗީފް ރިސްކް އޮފިސަރެއްގެ މަގާމުވަނީ އުފައްދާފައެވެ.