ޚަބަރު

ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލަ ޣައިރު ހާޒިރުގައި ބަލަން ނިންމައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތު ކުރެވޭ ސުލޫކީ މައްސަލަ އެ ފަނޑިޔާރުގެ ޣައިރު ހާޒިރުގައި ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެ މައްސަލަ ބަލާ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ކަށަވަރުކޮށްދެއްވި ގޮތުގައި ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލަ ޢައިރު ހާޒިރުގައި ބެލުމަށް ނިންމީ އެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ތަޙްޤީޤު ކޮމެޓީން މިއަދުއެވެ. ޖޭއެސްސީން ވިދާޅުވި ގޮތުގައި އެގޮތައް ތަޙްޤީޤު ކޮމެޓީން ނިންމެވީ ފަނޑިޔާރު އާދަމް މުޙައްމަދު އެ ކޮމެޓީއަށް ހާޒިރުވެވަޑައިނުގަތުމަށް ނިންމެވި ސަބަބަކީ އެކަށީގެންވާ އުޒުރެއްކަމަށް ޤަބޫލު ނުކުރެއްވޭތީއެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޖޭއެސްސީއަށް ހާޒިރުވަޑައިނުގަތުމަށް ނިންމެވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ޖޭއެސްސީން ބަލަން ނިންމި މައްސަލަތަކަކީ ސުލޫކީ މައްސަލަތަކެއް ގޮތުގައި ބެލޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. ނަމަވެސް އޭގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މައްސަލައިގެ ތަޙްޤީޤަށް އާދަމް މުޙައްމަދު ވަޑައިގެންފައިވެއެވެ. އަދި އެ މައްސަލައިގައި ޤާނޫނީ ވަކީލަކުވެސް ހަމަ ޖެއްސެވިއެވެ.

ފަނޑިޔާރު އާދަމް މުޙައްމަދާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި އެ ފަނޑިޔާރާ ސުވާލުކުރުމަށް ހަމަޖައްސާފައި އޮތީ އާންމުންނާއި ނޫސްވެރިންނަށް ވަދެވޭނެ ގޮތައް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްގައެވެ. ނަމަވެސް މިއަދު މެންދުރު ފަހު 15:00 ގައި ބާއްވަން އޮތް އެ ބައްދަލުވުން ކެންސަލް ވެފައިވާކަން ޖޭއެސްސީން ވަނީ އަންގާފައެވެ.

އާދަމް މުޙައްމަދުގެ އެދިވަޑައިގަތުމަށް ހުޅުވާލައިގެން ބާއްވަން ހަމަޖައްސާފައިވާ އެ ބައްދަލުވުން ޓީވީ މެދުވެރިކޮށް ލައިވްކުރުމަށް ވެސް އޮތީ ހަމަ ޖައްސާފައެވެ.

އާދަމް މުޙައްމަދުގެ މައްސަލަ ބެލުމަށް ޖޭއެސްސީން އެކުލަވާލި އެކޮމިޝަނުގެ މެމްބަރުން ހިމެނޭ ތަޙްޤީޤު ކޮމެޓީގެ ބައްދަލުވުމުގައި ދެ ފަހަރެއްގެމަތިން އާދަމް މުޙައްމަދާ ސުވާލު ކުރުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެ ދެފަހަރުވެސް ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ.

ފުރަތަމަ ދުވަހު އާދަމް މުޙައްމަދުގެ ޤާނޫނީ ވަކީލަކަށް ހަމަ ޖެއްސެވި ޑރ.މުހައްމަދު ޖަމީލް އަޙްމަދު އާދަމް އަކީ އޭނާގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމުމުން އެމަޖިލިސް ބޭއްވޭ ގޮތެއްނުވިއެވެ. އަދި ދެ ވަނަ ފަހަރަށް ބާއްވަން އުޅުނު މަޖިލިސް ކެންސަލްކުރީ އާދަމް މުހައްމަދު ގާނޫނީ ވަކީލަކާއެކު ވަޑައިނުގެންނެވުމުން ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ތަޙްޤީޤު ކޮމެޓީން ނިންމުމުންނެވެ.