ވިޔަފާރި

"ޖޮބް ޕޯޓަލް" ދިވެހިންނަށް ވަޒީފާގެ ފަހި ފުރުޞަތުތަކެއް


ވަޒީފާ ހޯދުމަށް ލުއިފަސޭހަކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ 'ޖޮބް ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކުރުމަށް ހިމަނާފައިވާ ކަމެކެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަންއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރުގެ ވަޒީރުންނާއި ބައެއް މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ މި ޖޮބް ޕޯޓަލްއާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ޖޮބް ޕޯޓަލްއާއެކު ސަރުކާރުގެ އުއްމީދަކީ ހަމައެކަނި ވަޒީފާ އިތުރުވުން ނޫންކަމަށާއި މިހާރު ހުރި ވަޒީފާތަކަށް ވުރެ ފެންވަރު ރަނގަޅު ވަޒީފާތައް ދިވެހިންނަށް ލިބުންކަމަށެވެ.

"މި ޖޮބް ޕޯޓަލްގެ އެންމެ ބޮޑު މަޤްޞަދަކީ ހަމައެކަނި ވަޒީފާ އިތުރުކުރުމެއްވެސް ނޫން. އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާ އިތުރުކުރުމުގެ އިތުރުން މިހާރު ދިވެހި ރައްޔިތުން އަދާކުރަމުންދާ ވަޒީފާތަކަށް ވުރެ ރަނގަޅު ވަޒީފާތަކެއް ލިބޭނެ ފުރުޞަތު ފަހިކޮށްދިނުން. މި ޕޯޓަލް މެދުވެރިކޮށް ވަޒީފާ ދޭފަރާތްތަކަށް ވަރަށް ފަސޭހަކޮށް ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ތަފްސީލު ލިބޭނެ. ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅަކުން ވެސް މި ޕޯޓަލްއަށް އެކްސެސް ވެވޭނެ. " މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޕޯޓަލް މެދުވެރިކޮށް ކުރިއަށްއޮތް ތަނުގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ފަސޭހަވެގެންދާނެކަމަށެވެ. އެގޮތުން ތަމްރީނު އެންމެ މަދުން ލިބިފައިވާ ދާއިރާތައް ވަކިކުރެވި މި ދާއިރާތަކުން މީހުން ބިނާކުރުމަށް ފަސޭހަވެގެންދާނެކަމަށް ވެސް މިނިސްޓަރ ފައްޔާޟް ފާހަގަކުރެއްވިއެވެ.

"އިންޑަސްޓްރީން ބޭނުންވާ ވަޒީފާތައް ލިސްޓުވެގެންދިޔާމަ އިންޑަސްޓްރީއަށް ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ، ނޫނީ ކޮން ކަހަލަ ސްކިލްއެއްތޯ އެންގިގެންދާނެ. އެހެންވީމަ، މި ސްކިލްތައް ޑިވެލޮޕްކުރުމަށް ވެސް މަސައްކަތްކުރެވޭނެ. " މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޖޮބް ޕޯޓަލްގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބިޒްނަސް ސެންޓަރުތަކުންނާއި ކައުންސިލްތަކުން ފަސޭހަކަމާއެކު ލިބިވަޑައިގަންނަވާނެކަމަށެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 300،000 މީހުންގެ ތެރެއިން ވަޒީފާ އަދާކުރާ މީހުންގެ ޢަދަދަކީ 160،000 އެވެ. ވަޒީފާ ނުހޯދާ 90،000 މީހުން ތިބިއިރު ވަޒީފާ ނުލިބިފައި 10،000 އާއި 15،000 ދޭތެރޭގެ ޢަދަދަކަށް މީހުން އެބަ ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ ތެރެއިން މި 15000 މީހުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެންދިއުންމަކީ އަމާޒެއްކަމަށެވެ. ޖޮބް ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްފައިވާއިރު މިކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓް، https://jobcenter.mv އިން މިހާރު ރާއްޖޭގައި ލިސްޓުކޮށްފައި ހުރި ވަޒީފާތަކުގެ މަޢުލޫމާތު ލިބޭނެއެވެ.

ވަޒީފާ ހޯދުމުގައި ލުއިތަކެއް ހޯދައިދީ ރާއްޖޭގެ އަންއެމްޕްލޮއިމަންޓް ރޭޓް ދަށްކުރުމަށްޓަކައި 'ޖޮބް ޕޯޓަލް' އެއް އެކުލަވާލުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފާއިތުވި ތަނުގައި އަމިއްލަ ފަރާތްތަކުން ވަޒީފާގެ ދަފްތަރު އެކުލަވާލާފައިވީނަމަވެސް ރާއްޖޭގައި ހުރި ވަޒީފާތައް ފަސޭހައިން ދެނެގަނެވޭނެ ދައުލަތުގެ ވަކި އިދާރާއެއް ނޯވެއެވެ. ނަމަވެސް އަލަށް ތަޢާރަފްކުރެވުނު ޖޮބް ޕޯޓަލްއާއެކު ޒުވާނުންނަށް އުއްމީދުތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.