ކުޅިވަރު

ދެން އޮތީ ވިކްޓަރީ ގޮވައިގެން ފީފާ އަށް ދިއުން: ކިސް


ދެން އޮތީ ވިކްޓްރީ ގޮވައިގެން ފީފާގައި މައްސަލަ ޖެއްސުން ކަމަށް ތަޖުރިބާކާރު ކޯޗު ހަންގޭރީގެ ލާސްލޯ ކިސް ބުނެފި އެވެ.

ވިކްޓަރީ އަށް 2016 ވަނަ އަހަރާއި 2018 ވަނަ އަހަރު ކޯޗުކޮށްދިން ކިސް މިހެން ބުނީ އޭނާއަށް ދޭންޖެހޭ ތިން މަހުގެ މުސާރަ ނުދީގެން އެކުލަބާއެކު މަޝްވަރާކޮށް އެއްވެސް އެއްބާރުލުމެއް ނުލިބުންނެވެ.

"ކޯޗު ވަރަށް ދަރެވޭ. މުސާރަ ނުދޭ. އަދި މަޝްވަރާއެއްވެސް ނުކުރޭ. ކުރިން ބުނި މުސާރަ ދޭނަމޭ. އެކަމަކު މިއީއެއްނޫން އަހަރެންނަށް ރާއްޖޭގައި ހައްގުވާ މަގާމަކީ. އަހަންނަނީ ރާއްޖޭގައި ވަރަށް ގިނަ ކުޅުންތެރިންނަށް ކޯޗުކޮށްދީފައިވާ ކާމިޔާބު ވެސް ހޯދާފައިވާ ކޯޗެއް. ވިކްޓަރީއާ ހަވާލުވީ އެ ޓީމު ވަރަށް އަޑިއަޅާލާފައި އޮއްވާ. އެކަމަކު އަހަރެން ކޮށްދިން ކަންތައްތައް އެމީހުން ނުދަނޭ،" ކިސް ބުންޏެވެ.

ވެލެންސިއާގައި ވަރަށް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކިސް ވަނީ ފަހުން ވީބީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ ބުނީ ރާއްޖޭގެ ކުލަބެއް ގޮވައިގެން ފީފާ އަށް ދިއުމަކީ އޭނާ ބޭނުންވާ ކަމެއްނޫން ކަމަށާއި ނަމަވެސް މިކަން ކުރަން މަޖުބޫރުވީ ވިކްޓަރީގެ މެނޭޖްމަންޓުގެ އަމަލުތައް ހުރިހި ގޮތުން ކަމަށެވެ.

ކުޅުންތެރިންނަށް ވެސް ބަރާބަރަށް މުސާރަ ދެމުން ނުދާއިރު ވިކްޓަރީ އަށް މިހާރު ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އިތުރަށް ކުރިއަށް ދިއުމުގެ ދޮރު ބަންދުވެފައެވެ. އެއީ އޭއެފްސީ ކުލަބު ލައިސަންސް ހޯދުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރުމުންނެވެ.