ވިޔަފާރި

ހުޅުމާލޭގެ ފުޑް ކޯޓުތައް ކުއްޔަށް ދިނުމަށް އަނެއްކާވެސް ހުޅުވާލައިފި


ހުޅުމާލޭ ރަށު މާރުކޭޓުގައި ހަދާފައިވާ ފުޑް ކޯޓުތައް ކުއްޔަށް ދިނުމަށް އަނެއްކާވެސް އިޢުލާނުކޮށްފިއެވެ.

އެންމެ ފުރަތަމަ ފުޑް ކޯޓުތައް ކުއްޔަށްދޫކުރުމަށް އެޗްޑީސީން އިޢުލާންކުރީ އަލަށްހެދި މާރުކޭޓު ގޮޅިތަކާއެކު މިއަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. އެހެންނަމަވެސް އޭރު އެޗްޑީސީން ކުރި އިޢުލާން ބާޠިލްކޮށް އެކުންފުނިން މިހާރު ވަނީ އަނެއްކާވެސް ފުޑް ކޯޓުތައް ކުއްޔަށް ދިނުމަށް ހުޅުވާލާފައެވެ.

ފުޑް ކޯޓުތައް ކުއްޔަށްދެނީ 10 އަހަރުގެ މުއްދަތަކަށެވެ. ފުޑް ކޯޓު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އަކަ ފޫޓެއް 30 ރުފިޔާއަށެވެ. އެގޮތުން ގްރައުންޑް ފްލޯރއިން 4879 އަކަ ފޫޓު އަދި ފުރަތަމަ ފްލޯރ އިން 3049 އަކަ ފޫޓު ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ. ފުޑް ކޯޓުތައް ކުއްޔަށް ހިފުމަށް 15،000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 5ވަނަ ދުވަހެވެ.

ފުޑް ކޯޓުތަކުގެ އިތުރުން އެޗްޑީސީން ވަނީ ހުޅުމާލޭ އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސްގައި ކެފޭ/ރެސްޓޯރެންޓް އެޅުމަށް ތަން ކުއްޔަށް ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް އިން 2443 އަކަ ފޫޓް 10 އަހަރަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވެއެވެ.