ކުޅިވަރު

ކޭންގެ ތައުރީފް މޮރީނިއޯ އަށް


ޓޮޓެންހަމަށް ތައްޓެއް ނުލިބި 11 އަހަރުވެފައިވާވުން ހޯސޭ މޮރީނިއޯ ނިމުމަކަށް ގެނެސްދޭނެ ކަމަށް ކެޕްޓަން ހެރީކޭން ބުނެފި އެވެ.

ފާއިތުވެދިޔަ ފަސް އަހަރު ކޯޗުކޮށްދިން މައުރީސިއޯ ޕޮޗެޓިނޯ މަގާމުން ވަކިކުރުމުން ބައްދަލުކުރަން އޭނާގެ ގެއަށް ކޭންދިޔަ އެވެ. އަދި ޕޮޗެޓިނޯ އަށް ތައުރީފް ކުރުމަށްފަހު ބުނީ މޮރީނިއޯ އަކީ ކުޅުންތެރިންނަށް އިތުބާރު ގެނެސްދޭނެ ކޯޗެއް ކަމަށެވެ.

"މޮރީނިއޯ އަކީ އޭނާ ދިޔަ ކޮންމެ ކުލަބެއްގައި ތަށި ހޯދާފައިހުރި ކޯޗެއް. މިއީ އަހަރުމެންނަށް ލިބޭ އިތުބާރެއް. އޭނާރެކޯޑް އާދަޔާ ހިލާފަށް ރަނގަޅު. އަހަރުމެން ޔަގީންކުރަން އޭނާ ތަށީ ހޯދައިދޭނެކަމަށް،" ކޭން ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަނަކަން ވެސް ކުރަމުން އަންނަ ކޭން ބުނީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި ރެއާލް މެޑްރިޑާއި އިންޓަމިލާނުގެ އިތުރުން ސްޕޭނުގެ ރެއާލް މެޑްރިޑުގެ ކުރގެ ކޯޗު މޮރީނިއޯ އަކީ ޕޮޗެޓީނޯގެ ބަދަލުގައި އެންމެ ރަނގަޅު ކޯޗު ކަމަށެވެ.

"މިއަށްވުރެ ރަނގަޅު ކޯޗަކު ނުލިބޭނެ. ކުލަބަށް މިވަގުތު ބޭނުންވަނީ ތަށި ހޯދައިދޭނެ ކޯޗެއް. އަހަރެންގެ ކެރިއަރަށް ބަލާއިރު އަހަރެން މިހުރީ ތަށި ހޯދަން ބޭނުންވާ ހިސާބުގައި. އަހަރުމެން ހުރިހާ ކުޅުންތެރިން ވެސް މިތިބީ ތަށި ހޯދަން ބޭނުންވެފައި،" ކޭން ބުންޏެވެ.

އޭނާ އަދި ބުނީ މި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގުގެ ނަތީޖާތައް ގޯސްވުމުން އެ މުބާރާތުގެ ތަށީގެ ބަދަލުގައި ޓޮޓެންހަމުގެ އަމާޒުހުރީ ޗެމްޕިއަންސް ލީގާއި އެފްއޭކަޕް ފަދަ ނޮކްއައުޓް މުބާރާތްތަކަށެވެ.

"އެއީ އަހަރުމެންނަށް ކާމިޔާބު ކުރެވިދާނެ މުބާރާތްތަކެއް. އެހެންވެ އަހަރުމެން އެ މުބާރާތްތަކަށް ވަރަށް ބޮޑަށް އިސްކަންދޭނަން. އެކަމަކު އެއީ ލީގު ދޫކޮށްލާފައި ކުރާ ކަމެއްނޫން،" ކޭން ބުންޏެވެ.