ޚަބަރު

ޔާމިން ރަޝީދުގެ މަރު: އިތުރު ތިން މީހަކު ހެކިބަސްދޭން ދެކޮޅު ހަދައިފި


ބްލޮގަރ ޔާމިން ރަޝީދަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލުމުގެ ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށައެޅި އިތުރު ތިން ސިއްރު ހެކިން ހެކިބަސްދޭން ދެކޮޅު ހަދައިފިއެވެ.

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުށް ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ތިން ހެއްކެތްގެ ހެކިބަސް ނަގަން ހަމަޖެހިފައި އޮތެވެ. ނަމަވެސް އެމީހުން ހެކިބަސް ދިނުމަށް ދެކޮޅު ހަދަމުންދާތީ އެމީހުންގެ ހެކިބަސް ނަގަން މިހާރު ބޭނުންނުވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

މި އަޑުއެހުމުގައި ވަނީ މީގެ ތެރެއިން ދައުވާ ރައްދުވާ އިސްމާއިލް ރަޝީދު ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން ތައްޔާރުކުރި ރިޕޯޓާ ގުޅޭ ގޮތުން އެ ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރާ ޝަރީއަތުގައި ސުވާކޮށްފައެވެ. މީގެ ކުރިންވެސް އެ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައެޅި ސިއްރު ދެ ހެއްކެއް ހެކިބަސް ދިނުމަށް ދެކޮޅު ހެދުމުން ދައުލަތުން ވަނީ އެކަން ކޯޓަށް އަންގާފަ އެވެ.

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިނުމަށް ހެކިން ދެކޮޅު ހަދަނީ އެމީހުނަށް ކުރިމަތިކުރުވާ ބިރުދެއްކުމާ އިންޒާރުތަކާހުރެ ކަމަށް މީގެ ކުރިން ދައުލަތުގެ ވަކީލުން ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސްތައް ނަގަން ފެށުމެވެ. ދައުވާ ރައްދުވާ މީހުންގެ ތެރެއިން އިސްމާއިލް ރަޝީދު ދައުވާއިން ދިފާއުވުމަށް 11 މީހަކު ހެކިންގެ ގޮތުގައި ހުށައަޅާފައިވާއިރު ޒިހާން އިސްމާއިލް 6 މީހަކު އަދި އިސްމާއިލް ހައިޝަމް 8 މީހަކު ވަނީ ހެކިންގެ ގޮތުގައި ހުށައަޅާފައެވެ. އެހެން ކަމުން އެ މީހުންގެ ހެކިބަސްތައް ނަގާނެ ދުވަސްތައް މިހާރު ވަނީ ތާވަލުކޮށްފައެވެ. އަދި މިހާރު ތަވާލުކޮށްފައިވާ ގޮތުން މައްސަލަ ނިމުމަށް އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު އެވެ.

ޔާމިންގެ މަރާ ގުޅިގެން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައިވަނީ އިސްމާއިލް ހައިޝަމް ރަޝީދާއި އަޙްމަދު ޒިހާން އިސްމާއިލް އާއި މުޙައްމަދު ދިފުރާން އާއި ޙަސަން ޝިފާޒް އާއި އިސްމާއިލް ރަޝީދުގެ މައްޗަށެވެ.